ސިއްހަތު

އިނގިލިން ކަށި ގޮއްވުމަކީ ގޯސް ކަމެއްތަ؟

ބައެއް މީހުންނަށް އިނގިލިން ކަށި ގޮއްވުމަކީ ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. ނަމަވެސް މާ ގިނަ ދުވަހު މިކަން ކުރާނަމަ ސިއްހަތަށް ގެއްލުންވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

އޮސްޓްރޭލިޔާގެ ސައިންސްވެރިޔާ ކާލް ކުރުސްޒެލްނިކީ ވަނީ މިކަމަށް އަލި އަޅުވާލާ ޓިކްޓޮކްގައި ވީޑިއޯއެއް ޝެއާ ކޮށްފަ އެވެ. މި ވީޑިއޯގައި 73 އަހަރުގެ ސައިންސްވެރިޔާ ވަނީ އިނގިލިން ކަށި ގޮއްވުމާ މެދު ސައިންސް ދެކޭ ގޮތް އޮޅުންފިލުވައި ދެއްވާފަ އެވެ.

އޭނާ ބުނި ގޮތުގައި އިނގިލިން ކަށި ގޮއްވާލަން އިނގިލީގައި ހިފާ ފިއްތާލާ ކޮންމެ ފަހަރަކު އިނގިލީގެ ކަށިތަކުގެ ތެރެއިން ހުސް ޖާގައެއް އުފެދޭނެ އެވެ. މި ޖާގަ ބޮޑުވާ ވަރަކަށް ލިގަމެންޓުން ގޭސް ބަބްލް އުފެދި އޭތި ގޮވާލެއް ބާރު ވާނެ އެވެ.

ކަށި ގޮއްވުމަކީ އާތުރައިޓިސް އަށް މަގުފަހިވާ ކަމެއްކަމަށް ޒަމާނުއްސުރެ މީހުން ބުނެ އުޅެ އެވެ. ނަމަވެސް ޑރ. ކާލް ވިދާޅުވީ އެއީ ސައިންސްގެ އަލީގައި ސާބިތު ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކަށި ގޮއްވުމުން ސިއްހީ ގޮތުން އެހެން ގެއްލުންތަކެއް ވާކަމަށް އޭނާ ވިދާޅުވި އެވެ. މި ގޮތަށް ކަށި ގޮއްވަން އާދަވެފައި ތިބޭ މީހުންނަށް އެއްޗެތީގައި ބާރަށް ހިފުމުގެ ގާބިލްކަން ވަރަށް އަވަހަށް ކުޑަވެގެން ދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަތުގެ ބާރު ހުރެގެން ކުރެވޭ ކަންތައް ކަމަށްވާ މަތިގަނޑު ބާރުކޮށް އިން ފުޅިއެއްގެ މަތިގަނޑު ނެގުން ފަދަ ކަންކަން މިފަދަ މީހުންނަށް ކުރުމަށް ނުކުޅެދޭނެ ކަމަށާއި އެމީހުންގެ އަތުގައި ބާރު ހުންނާނީ ކަށީ ނުގޮއްވާ އާދައިގެ މީހުންގެ އަތުގައި ބާރު ހުންނަ ވަރަށް ވުރެ 75 ޕަސެންޓް ދަށްކޮށް ކަމަށް ޑރ. ކާލް ވިދާޅުވި އެވެ.

ނަމަވެސް ކަށި ގޮއްވައިގެން ކާޓިލެޖްއަށް ގެއްލުންވަނީ އެންމެ ހަތް ޕަސެންޓް މީހުންގެ ކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާއެއްގައި 50 އަހަރުގެ ޑޮކްޓަރެއްގެ ތަޖުރިބާ ހިމަނާފައި ވެއެވެ. އެ ޑޮކްޓަރު އޭނާގެ ވާއަތުގެ އިނގިލިތަކުން ކަށި ގޮއްވާތާ 55 އަހަރު ވެއްޖެ އެވެ. ނަމަވެސް އޭނާގެ ދެ އަތުން ކުރެ އެއްވެސް އަތަކަށް އާތުރައިޓިސްގެ އަސަރު ކޮށްފައެއް ނުވެ އެވެ.

އަދި މިއަށް ވުރެ ފުޅާކޮށް ކޮށްފައިވާ ދިރާސާއެއްގައި އިނގިލިތަކުން ކަށި ގޮއްވާ 300 މީހުންގެ މައުލޫމާތު ހޯދާފަ ވެއެވެ. ޑޮކްޓަރު ބުނި ގޮތުގައި މި ހުރިހާ އެންމެންނަކީ ވެސް 35 އަށް ވުރެ ގިނަ އަހަރު ދެ އަތުގެ އިނގިލިތަކުން ކަށި ގޮއްވާފައި ތިބި ބައެކެވެ. ނަމަވެސް މީގެން އެއްވެސް މީހަކަށް އާތުރައިޓިކްސްގެ މައްސަލައެއް ދިމަލެއް ނުވެ އެވެ. އެމީހުންގެ އިނގިލިތައް ކުޑަކޮށް ދުޅަވެފައި ހުރުން ފިޔަވައި އިތުރު އެއްވެސް ބައްޔެއް އެމީހުންގެ ނެތް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.