ޖެފް ކާޕް ކޮންމެ އަހަރަކު އެއް ފަހަރު ފުލް ބޮޑީ ޗެކަޕެއް ހަދަ އެވެ. މިގޮތަށް ހަދާ ޓެސްޓްތަކުގެ ތެރޭގައި ހަމުގެ ކެންސަރު ހުރިތޯ ވެސް ހަމުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ބަލަ އެވެ. އެގޮތުން 2022ގެ މޭ ހިސާބުގައި އޭނާ ހަމުގެ ހާއްސަ ޑޮކްޓަރަށް ދައްކައި ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއް ހަމުގައި ނެތްކަން ޔަގީންކުރުމަށްފަހު ޑޮކްޓަރު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
އުމުރުން 47 އަހަރުގެ ޖެފް ގޮސް ދޮރުގެ ގޮބުގައި ހިފިތަނާ ކުއްލިއަކަށް ކަމެއް ހަނދާންވި އެވެ. ކޮލުގައި އިން ރަތްކުލައިގެ އުމެއް ކަހަލަ އެއްޗެއް ޑޮކްޓަރަށް ދައްކާލައި އެއީ ކޯޗެއްތޯ މަޝްވަރާ ކޮށްލުމުގެ ވިސްނުމެވެ. އެއީ ވަރަށް ކުޑަކުޑަ ބައި އިންޗިއަށް ވުރެ ކުޑަ އެއްޗެކެވެ. އަދި ވަރަށް މަޑުމަޑު ރަތްކުލައެއްގައި އިން އެ ތަންކޮޅު ޖެފްގެ ކޮލުގައި އިންނަތާ ދެ އަހަރެއްހާ ދުވަސް ވެދާނެކަމަށް އޭނާއަށް ލަފާ ކުރެވެ އެވެ.
އެންމެ ފުރަތަމަ އެ ތަންކޮޅު ކޮލުގައި ޖެހުމުން ޖެފް ހީކުރީ އެއީ އުމުރާއެކު ހަންގަނޑަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން އޭނާގެ މޫނުގައި ނެގި އެއްޗެއް ކަމަށެވެ.
އޭނާގެ ފުލް ބޮޑީ ސްކޭން މުޅިން ނޯމަލް އެވެ. އެހެންވެ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ނަމަވެސް ހަމުގެ ޚާއްސަ ޑޮކްޓަރުގެ ކޮޓަރިން ނުކުންނަމުން އޭނާއަށް ކޮލުގައި އިން ތަންކޮޅުގެ މައުލޫމާތު އަހާލާހިތް ކުއްލިއަކަށް ވެގެން މަޑުކޮށްލި އެވެ.
"އަހަރެން ހުރީ ދެފިކުރެއްގައި. ޑޮކްޓަރު ކައިރީގައި އެއީ ކޯޗެއްތޯ އަހާނީތޯ ނޫނީ އަޅާނުލާނީތޯ ވަރަށް ގިނަ އިރު ހިތާ ހިތާ ބަހުސް ކުރިން،" ބާމިންހަމް ވިމެންސް ހޮސްޕިޓަލުގައި ބައޯމެޑިކަލް އިންޖިނިއަރެއް އަދި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެޗްޑީ ޑޮކްޓަރު ޖެފް ބުންޏެވެ.
ޖެފް ބުނި ގޮތުގައި އެ ދުވަހު ހަމުގެ ޑޮކްޓަރު ކައިރީ އެހާ ކުއްލިއަކަށް އަހާލެވުނުއިރުވެސް އެއީ ހަމުގެ ކެންސަރަށް ވެދާނެ ކަމަކަށް އޭނާ ކުޑަކޮށް ވެސް ހިތަކަށް ނާރަ އެވެ.
ޖެފް އެތަންކޮޅު ހަމުގެ ޑޮކްޓަރަށް ދައްކާލުމުން ވަގުތުން ބައޮޕްސީއެއް ހަދަން އޭނާ މަޝްވަރާ ދިނެވެ. އަދި ބައޮޕްސީގެ ނަތީޖާ ދެއްކީ ޖެފް ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. އޭނާގެ ކޮލުގައި އިން ތަންކޮޅުގައި ބެސަލް ސެލް ސާކިނޯމާ ކިޔާ ހަމުގެ ކެންސަރުގެ ބާވަތެއް ހުއްޓެވެ. މިއީ ކެންސަރުގެ އެންމެ އާއްމު ވައްތަރު ކަމަށް އެމެރިކަން އެކަޑަމީ އޮފް ޑާމެޓޮލޮޖީގެ މައުލޫމާތުތަކުން ދައްކަ އެވެ.
ހަމުގެ ކެންސަރަކީ ވަރަށް ލަހުން އުފެދޭ އެއްޗަކަށް ވާތީ ބަލި ޖެހޭ ގިނަ މީހުންނަށް ވަރަށް ގިނަ ފަހަރު ފުރާނަ ސަލާމަތްވާން ފުރުސަތު ލިބެ އެވެ. ނަމަވެސް ބަލި ހުރިކަން ނޭނގި މާގިނަ ދުވަސް ވެއްޖެނަމަ ނާރުތަކާއި ލޭހޮޅިތަކަށް ބަލީގެ އަސަރުކޮށް ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ ހަމުގެ ކުލަ ދޮން މީހުންގެ ތެރެއިން ސަންސްކްރީން ބޭނުން ނުކުރާ މީހުންގެ މެދުގައި ވަރަށް އާއްމު ބައްޔެއް ވެސް މެއެވެ.
ޖެފްގެ މޫނުގައި މިތަންކޮޅު އިނދެގެން ހަމުގެ ޑޮކްޓަރަކަށް ދައްކާށޭ އޭނާގެ އަންހެނުން ކިޔާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ޖެފް އެކަމާ ފަރުވާ ކުޑަކޮށްލީ އެވެ.
ޖެފް ގޮތަށް ޑޮކްޓަރަށް ދައްކާފައި ނުކުންނަން ގޮސް ދޮރުގައި ހިފާފައި އަނބުރާލާފައި ސުވާލުކުރާ މީހުން ވަރަށް ގިނަ އެވެ. މިކަމަށް ކިޔަނީ "ޑޯނޮބް ފެނޯމިނަން" އެވެ. ބަލި މީހާ ޑޮކްޓަރަށް ދައްކާ ނިމުމުން ބައެއް ފަހަރު އެމީހާ އަށް ވުރެ ކުރިން ޑޮކްޓަރު އެ ކޮޓަރިން ނުކުމެގެން ކޮންމެވެސް އެހެން ދިމާލަކަށް ދެ އެވެ. ނުވަތަ ބަލި މީހާ އެ ކޮޓަރިން ނުކުމެ އެވެ. ކޮންމެ މީހަކު ކުރިން ނުކުތަސް ނުކުންނަން ގޮސް ދޮރުގެ ގޮބުގައި ހިފާ ވަގުތު ކުއްލިއަކަށް މުހިއްމު އެއްޗެއް ޑޮކްޓަރު ކައިރީ ބަލި މީހާ އަހާލުމަށް "ޑޯނޮބް ފެނޯމިނަން" ކިޔަ އެވެ.
ނަސީބަކުން ޖެފްގެ ހަމުގެ ކެންސަރު ހުރީ އެހާ ބޮޑަށް އަޑިއަށް ނުފެތުރި އެވެ. ވަގުތުން ސާޖަރީ ހަދައި އެތަން ނަގައި މިހާރު އޭނާ މުޅިން ފަސޭހަވެފައިވާ ކަމަށް ޖެފް ބުންޏެވެ.