މަތިންދާބޯޓުގައި ދުރު ގައުމުތަކަށް އަދި ރަށްތަކަށް ދިއުމަކީ ލިބިފައިވާ ވަރަށް ބޮޑު ފަސޭހައެކެވެ. އެތައް ހާސް މޭލެއްގެ ދުރުގައިވާ ގައުމަކަށް ވެސް މަދު ގަޑިއރެއްގެ ތެރޭގައި ދަތުރުކޮށްލެވޭ ގޮތް ވެފައިވަނީ މަތިންދާބޯޓު ދުއްވާތީ އެވެ. ނަމަވެސް މަތިންދާބޯޓުން ދަތުރު ކުރުމަކީ ބައެއް މީހުން އިންތިހާއަށް ބިރުގަންނަ ކަމެކެވެ. ޚާއްސަކޮށް ޓާބުލަންސް އެއްގައި ބޯޑު ޖެހި މާ ބޮޑަށް ތަޅުވާނަމަ ބިރުގަންނަ މީހުން ވަރަށް ގިނަ އެވެ.
މިގޮތަށް ފްލައިޓް ތެރޭގައި އިންނައިރު ހިތް ނުތަނަވަސްވުމާއި ބިރުގަތުން ކުރިމަތިވާ މީހުންނަށް ރަނގަޅު އިރުޝާދުތަކެއް ޕައިލެޓުންތަކެއް ވަނީ ކިޔައިދީފަ އެވެ. ރީޑާޒް ޑައިޖެސްޓްގައިވާ ގޮތުގައި ޕައިލެޓުން ވަނީ ބިރުގަންނަ މީހުންނަށް ކުރެވިދާނެ ކަންތައްތަކާއި ހެދިދާނެ ރަނގަޅު އުކުޅުތައް ވެސް ބުނެދީފަ އެވެ.
ލޮސް އެންޖަލިސްގެ ޕައިލެޓެއް ކަމަށްވާ ޖެރީ ޖޯންސަން ބުނި ގޮތުގައި މަތިންދާބޯޓުން ދަތުރުކުރަން ބިރުގަންނަ މީހުން ދަތުރު ކުރާނެ ރަނގަޅު ވަގުތެއް ޚިޔާރުކުރުން މުހިއްމު ކަމަށެވެ. ސަބަބަކީ ބައެއް ވަގުތުތަކުގައި ބޯޓު ވަރަށް ބޮޑަށް ތަޅުވާނެތީ އާއި އޮމާންކޮށް މާބޮޑު ލޮޅުމެއް ނާރާ ދުވާނެ ވަގުތު ހުންނާތީ އެވެ.
"ތިއީ ފްލައިޓުން ދަތުރުކުރަން ބިރުގަންނަ މީހެއް ނަމަ ހެނދުނު ފްލައިޓުން ޓިކެޓް ނަގާ. އިރު އަރައިގެން މެދު ޖެހޭއިރު ބިންމަތި ހޫނުވާން ފަށާނެ. ބިންމަތި ހޫނުވާ ވަރަކަށް މަތިންދާބޯޓު ތަޅުވާލެއް އިތުރުވާނެ. އަދި އާއްމުކޮށް ތަންޑަސްޓޯމް ވެސް އަންނަނީ މެންދުރުފަހުގެ ވަގުތުތަކުގައި،" ޕައިލެޓް ބުންޏެވެ.
މަތިންދާބޯޓުގައި އިންނައިރު މާ ބޮޑަށް ފިނިވާ މީހެއް ނަމަ އަބަދުވެސް އެންމެ ފަހަތު ގޮނޑިތައް ހިޔާރުކުރުމަށާއި ސަބަބަކީ އަބަދުވެސް އެންމެ ހޫނުވާނީ އެންމެ ފަހަތަށް ކަމަށް ވެސް ޕައިލެޓް ބުންޏެވެ.
ޓެކްސަސްގެ ރީޖަނަލް އެއާލައިނެއްގައި މަސައްކަތްކުރާ ޓެކް ޕައިލެޓަކު ބުނި ގޮތުގައި އާއްމުކޮށް މަތިންދާބޯޓުތަކުގައި ވައި ދަތުރު ކުރާނީ ކުރިމަތިން ފަހަތަށެވެ. އެހެންކަމުން ވީހާވެސް ސާފު ވައި ލިބެން ބޭނުންވާނަމަ އަދި ބޮޑަށް ފިނިކުރަން ބޭނުން މީހުން ހިޔާރުކުރަން ޖެހޭނީ ބޯޓުގެ ވީހާވެސް ކުރިއެކެވެ.
މަތިންދާބޯޓު އެންމެ ނުތަޅުވާނީ އަދި ވީހާވެސް އޮމާނެއްކޮށް ދަތުރު ކޮށްލެވޭނީ ކޮން ގޮނޑިތަކެއްގައި އިނދެގެންތޯ ވިސްނާލިން ހެއްޔެވެ؟ އެއީ ބޯޓުގެ ފިޔަގަނޑާ ކައިރީގައި ހުންނަ ގޮނޑިތަކެވެ.
ޕައިލެޓް ޕެޓްރިކް ސްމިތު ބުނި ގޮތުގައި މަތިންދާބޯޓުގައި ހުންނަ ގޮނޑިތަކުގެ ތެރެއިން އެންމެ ބޮޑަށް ތަޅުވާނީ އެންމެ ފަހަތުގައި ހުންނަ ގޮނޑިތަކެވެ.
"މަތިންދާބޯޓަކީ ސީސޯއެއް ކަހަލަ އެއްޗެއް. މެދުގައި އިންނަނަމަ އެހާ ބޮޑަކަށް ނުތަޅުވާނެ،" ޕެޓްރިކް ބުންޏެވެ.
ޕައިލެޓް ބުނި ގޮތުގައި ޓާބުލަންސްގައި ޖެހި ބޯޓު ވަރަށް ބޮޑަށް ތެޅުވުމަކީ ވަރަށް ގިނަ މީހުން ބިރުގަންނަ ކަމަކަށް ވިޔަސް އެއީ އެހާ ބިރުގަންނަން ޖެހޭ ކަހަލަ ކަމެއް ނޫނެވެ.
"ބޯޓު ތަޅުވާތީ މީހުން އިންތިހާއަށް ބިރުން އުޅޭތީ ޕައިލެޓުން ހަގީގަތުގައި ވަރަށް ހައިރާންވާނެ. ބޯޓު ޓާބުލަންސެއްގައި ޖެހި ތަޅުވައިގެން ވެއްޓުމަކީ ވަރަށް ނާދިރުކަމެއް. އަހަރެމެން ޓާބުލެންސްގައި ނުޖެހި ވޭތޯ މަސައްކަތް ކުރަނީ ބޯޓުގެ ފިޔަގަނޑު ނެއްޓުން ފަދަ ކަމެއް ވެދާނެތީއެއް ނޫން. އެއީ އެންމެން ވެސް ހިތްހަމަނުޖެހޭ ކަމަކަށް ވާތީ،" ޕައިލެޓް ބުންޏެވެ.