ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރެއްގެ ހިތް ލެއްވި މީހާ އެންމެ ދެ މަސް ތެރޭ މަރުވެއްޖެ އެވެ.
މި މީހާއަށް އޫރުގެ ހިތް ޓްރާންސްޕްލާންޓްކުރީ ޖެނެޓިކަލީ މޮޑިފައި ކޮށްގެންނެވެ.
އެމެރިކާގެ ޑޭވިޑް ބެނެޓް ނަމަކަށް ކިޔާ މި މީހާ އަކީ ހިތުގެ ބޮޑު ބައްޔެއް ހުރުމުގެ ސަބަބުން ދިރިއުޅުމުގެ އުއްމީދު ގެއްލިފައިވާ މީހެކެވެ.
އޭނާއަށް އޫރުގެ ހިތެއް ލެއްވީ އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ނަމަވެސް މި ސާޖަރީ ހެދިތާ އެންމެ ދެ މަސް ތެރޭ އޭނާ ވަނީ މަރުވެފަ އެވެ.
އޫރުގެ ހިތް ލެއްވިތާ މާ ގިނަ ދުވަހެއް ނުވެ ޑޭވިޑްގެ ހާލު ދެރަވާން ފެށީ ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުން ބުނެފައި ވެއެވެ. އުމުރުން 57 އަހަރުގެ ޑޭވިޑް މަރުވީ މިމަހުގެ 8 ވަނަ ދުވަހު އެވެ.
މި ޓްރާންސްޕްލާންޓް ހެދިއިރުވެސް މީގެ ނުރައްކާ ޑޭވިޑަށް އެނގެ އެވެ. އޭނާ މި ސާޖަރީއަށް އެއްބަސްވީ 'އަނދިރީގައި ހުރެ ބަޑި ޖަހައިގެން ވެސް މަދު ހާލަތެއްގައި ނަމަވެސް އަމާޒަށް ވާސިލު ވެވިދާނެ'ކަމުގެ އުއްމީދުގަ އެވެ.
ޑޭވިޑްގެ ގަޔަށް އޫރެއްގެ ހިތް ލައްވަން ޔުނިވަސިޓީ އޮފް މޭރީލޭންޑް މެޑިކަލް ސެންޓަރުގެ ޑޮކްޓަރުންނަށް ޚާއްސަ ހުއްދައެއް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހުނެވެ.
މި ހުއްދަ ލިބުނީ ޑޭވިޑަކީ އިންސާނެއްގެ ހިތް ލެއްވުމަށް ނުކުޅެދިފައިވާ މީހެއްކަން ޔަގީންވުމުންނާއި މާގިނަ ދުވަހު އޭނާ ދުނިޔޭގައި ނޯންނާނެކަން ޔަގީންވުމުންނެވެ.
މި ސާޖަރީގެ ހަ ހަފްތާ ކުރިއްސުރެ ޑޭވިޑްގެ ހާލު އޮތީ ވަރަށް ގޯސްވެފަ އެވެ. އޭނާ އޭރުވެސް ނޭވާލަމުން ދިޔައީ މެޝިނެއްގެ އެހީގަ އެވެ.
ޑޭވިޑް ސާޖަރީ ހެދީ މިދިޔަ ޖެނުއަރީ ހަތްވަނަ ދުވަހު އެވެ. ޑޮކްޓަރުން ބުނެފައިވަނީ ސާޖަރީ އަށްފަހު ޑޭވިޑް އޭނާގެ އާއިލާއާ އެކު ވަގުތުތައް ހޭދަކުރި ކަމަށެވެ. އަދި ޓީވީ ބަލައި ވެސް ހެދި ކަމަށެވެ. ފަސޭހަވެގެން ގެޔަށް ދިއުމަށް ވެސް އޭނާ އުއްމީދު ކުރި އެވެ. ނަމަވެސް މަޑުމަޑުން އޭނާގެ ހާލު ދަށަށް ދާން ފެށުމުން ޑޮކްޓަރުން ވެސް މާޔޫސްވި އެވެ. އެންމެ ފަހުން އޭނާ މަރުވީ އެވެ.
ޑޭވިޑްގެ ދަރިފުޅު ޑޭވިޑް ޖޫނިއާ ބުނި ގޮތުގައި އޭނާގެ ބައްޕަގެ ސާޖަރީ ނާކާމިޔާބު ވިޔަސް މިއީ މިފަދަ ކަމެއްވެސް ކުރެވިދާނެކަމުގެ އުންމީދެއް ލިބުނު ކަމެއް ކަމަށެވެ. މި މަސައްކަތް ކުރި ޑޮކްޓަރުންގެ ޓީމުގެ ބުރަ މަސައްކަތާއި އެމީހުންގެ ހުވަފެންތަކާއި އުއްމީދުތަކުގައި ކޮންމެވެސް ދުވަހަކުން ކުލަ ޖެހޭނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ.
މި ސާޖަރީގެ ކުރިން ޑޮކްޓަރުން ވިދާޅުވެފައިވަނީ މިކަން ކާމިޔާބުވެއްޖެނަމަ ހިތުގެ ޓްރާންސްޕްލާންޓަށް ބޭނުން ޖެހިފައިވާ އެތައް ބަޔެއްގެ އުންމީދު ހަގީގަތަކަށް ވާނެ ކަމަށެވެ.
އެމެރިކާގައި އެކަނިވެސް ހިތުގެ ޓްރާންސްޕްލާންޓަށް ބޭނުންވެފައި މެޗުވާ ޑޯނާއެއް ނުލިބިގެން ދުވާލަކު 17 މީހުން މަރުވާ ކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މިހާރުވެސް ލައްކައަށް ވުރެ ގިނަ މީހުން ވެއިޓިން ލިސްޓުގައި އެބަ ތިބި ކަމަށް ވެއެވެ.
އޫރުގެ ހިތުގެ ވޭލްވް އިންސާނުންގެ ހަށިގަނޑަށް ލެއްވުމުގެ ސާޖަރީތައް މިހާރު ވަރަށް އާއްމެވެ. އަދި އެކަން ވަރަށް ކާމިޔާބު ވެސް މެއެވެ. ނަމަވެސް ގުނަވަންތައް ލައްވައިގެން އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.