ސިއްހަތު

ފުން ޒަޚަމްތައް ބައްދާލެވޭ ތެރަހެއް ވަރަށް އަވަހަށް ބާޒާރަށް

އެމެރިކާގެ ބައޯމެޑިކަލް އިނިޖިނިއަރުންނާއި ޔުނިވަސިޓީ އޮފް ސިޑްނީގެ ސައިންސްވެރިން ގުޅިގެން ސާޖިކަލް ގްލޫއެއް ތަރައްގީކޮށް ބާޒާރަށް ނެރެން ތައްޔާރު ވެއްޖެ އެވެ. މި އާ އީޖާދަކީ މެޑިކަލް ސައިންސްގެ ރޮނގުން ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އިލާސްޓިކް އަދި އެޑްހެސިވް ގްލޫގެ ގޮތުގައި އުފައްދާފައިވާ މި ތެރަސް ފުން ޒަހަމްތަކަށް އަޅައި ތަތްކޮށްލުމުން ވަގުތުން އެތަން މުޅިން ބެދޭ ކަމަށް ވެއެވެ. މިހާރު މިފަދަ ޒަހަމްތައް ބައްދަނީ ވިރޭ ރޮދިން ފަހައިގެން ނުވަތަ ސްޓޭޕްލް ކޮށްގެންނެވެ.

މި ގްލޫ ނުވަތަ ތެރަހަށް ކިޔަނީ "މެޓްރޯ" އެވެ. މި ތެރަސް ޒަހަމަކަށް ޖަހާތާ 60 ސިކުންތު ތެރޭގައި އެ ޒަހަމެއް ބައްދާލެވެ އެވެ.

ޖެލް ގޮތަށް ހުންނަ މި ތެރަސް ޒަހަމްވެފައިވާ ތަނަށް އަޅާލުމުން އަލްޓްރާވައިލޮޓް (ޔޫވީ) އިން އެކްޓިވޭޓްކޮށްލައި އިސާހިތަކު އެ ތެރަސްތައް ޒަޚަމްގެ ތެރެއަށް ވިރުވާލަނީ އެވެ.

މެޓްރޯ ގްލޫ ބޭނުންކުރާ ގޮތް ދައްކައިދޭ ވީޑިއޯ


މި ތެރަސް މިހާރު މީދަލާއި އޫރު ފަދަ ތަކެތީގައި ވަރަށް ކާމިޔާބު ކަމާއެކު ޓެސްޓްކޮށްފައި ވެއެވެ. އަދި އަޖުމަ ބެލުމުގެ ގޮތުން އިންސާނުންގެ ޒަހަމްތަކުގައި މި ތެރަސް ބޭނުން ކުރަން ވަރަށް އަވަހަށް ފަށާނެކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

ބައޯފާމަސޫޓިކަލްސް ވިޔަފާރީގައި އޭޝިއާގައި އެންމެ ކުރީގައި އުޅޭ ބައޯކޮންގެ ޗެއާޕާސަން ކިރަން މަޒުމްދާރު ޝޯ ކުރި ޓުވީޓެއްގައި މި ތެރަސް މަސައްކަތްކުރާ ގޮތް ދައްކާފައިވާ ވީޑިއޯއެއް ހިމަނާފައި ވެއެވެ. މެޓްރޯ ގްލޫ މަސައްކަތްކުރާ ގޮތް މި ވީޑިއޯ އިން ވަރަށް ރީއްޗަށް ފެނެ އެވެ.