ލައިފްސްޓައިލް

ލެބޯޓްރީގައި ކުދިން އުފައްދާ ވިއްސުން ހަގީގަތަކަށް ވާން ކައިރިވެއްޖެ: ސައިންސްވެރިން

ދަރިން ހޯދުމުގެ ގާބިލްކަން ނެތް މީހުންނަށް ލެބޯޓްރީގައި ދަރިން އުފައްދާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ޖަޕާނުގެ ސައިންސްވެރިން ބުނެފި އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ލެބޯޓްރީގައި ކުދިން އުފައްދަން ފެށުމުގެ މަސައްކަތް އެމީހުން ކުރާނީ ބިހާއި ދަރިފަނި އިންކިއުބޭޓްކޮށް މަސްނޫއީ ރަހިމެއް ބޭނުންކޮށްގެންނެވެ.

ކިޔޫޝޫ ޔުނިވަސިޓީގެ ސްޓެމް ސެލް ބައޮލޮޖީ އެކްސްޕާޓް ޕްރޮފެސަ ކަޓްސުހީކޯ ހަޔާޝީ، އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް އަށް ދެއްވާފައިވާ އިންޓަވިއު އެއްގައި ވިދާޅުވީ މަންމައިންނާ ހަމައަށް މިފަދަ ކުދިން ފޯރުކޮށްދިނުން ކުރިއަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށޭވަރު ވާނެކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.

މިހާތަނަށް މި ކަން އަޖުމަ ބަލާފައިވަނީ މީދާ ތަކެއް ބޭނުންކޮށްގެން ނަމަވެސް ކުރިއަށް އޮތް ތަނުގައި އިންސާނުންގެ ބިހާއި ދަރިފަނި ބޭނުންކޮށްގެން އަޖުމަ ބަލަން ފަށާނެކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

މިއީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. އަދި މިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދަރިން އެއްގޮތަކަށްވެސް ބޭނުން ނޫން މީހުންގެ ދަރިންވެސް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް މިކަމާ ހިތްހަމަނުޖެހޭ މީހުން ބުނެ އެވެ.