ލައިފްސްޓައިލް

ގަންނަ ބިރަކުން ތަރުކާރީއާއި މޭވާ ނުކެވޭ މީހެއް!

އިނގިރޭސި ވިލާތު އަންހެނަކު އެއްގޮތަކަށް ވެސް ތަރުކާރީއެއް މޭވާއެއް ނުކައި އުޅޭތާ 20 އަހަރު ވެއްޖެ ކަމަށް ބުނެފި އެވެ. އޭނާ ބުނި ގޮތުގައި އޭނާ މި ފާއިތުވީ 20 އަހަރު ތެރޭގައި ކައި އުޅެނީ ހަމައެކަނި ޗިކަން ނަގެޓްސް އާއި ފްރައިޒް އަދި ޕޮޓޭޓޯ ޗިޕްސް އެވެ. އަދި މި ތަކެތި ކައިގެން އުޅުނަސް އޭނާގެ ސިއްހަތު މުޅިން ބަރާބަރު ކަމަށް ވެސް މި ޒުވާނާ ބުންޏެވެ.

ސަމާ މޮންރޯ، 25، އަކީ އެވޮއިޑަންޓް ރެސްޓްރިކްޓަޑް ފުޑް އިންޓޭކް ޑިސްއޯޑާ (އޭއާރްއެފްއައިޑީ) ކިޔާ ބައްޔެއް ހުންނަ މީހެކެވެ. މި ބަލީގެ ސަބަބުން، އާފަލެއް ނުވަތަ އޮރެންޖެއް ފަދަ އެއްޗެއް ކާން ޚިޔާލު ކޮށްލިނަމަވެސް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި އުފެދެ އެވެ. އޭނާގެ ބައްޔަކީ އޭގެ ޒާތުގައި ފޯބިއާ އެކެވެ.

"އަހަރެން ހަނދާނެއް ނެތް މޭވާއެއް ތަރުކާރީއެއް ކޭ ދުވަހެއް ވެސް،" ސަމާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި އެއްޗެތި ނުކަނީ ގަސްތުގަ އެއް ނޫނެވެ. އެ ތަކެތި ކެވޭތޯ އޭނާ ވަރަށް މަސައްކަތް ވެސް ކުރެ އެވެ. ނަމަވެސް އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ކާން ހިތަށް އަރުވާލާއިރަށް ވެސް އޭނާ ބަލިވެ އެވެ. އަދި އެ ތަކެތި ކެއުމަށް އޭނާގެ ސިކުނޑި އެއްގޮތަކަށް ވެސް އެއްބަހެއް ނުވެ އެވެ.

މިކަމެއް ހިލިގަތީ އުމުރުން ތިން އަހަރުގައި އެއް ދުވަހަކު އޭނާ ނުކާން ގަދަހަދަނިކޮށް އޭނާގެ މަންމަމެން ގަދަކަމުން ހިފަހައްޓާ ބަހައްޓާފައި މޭޝް ޕޮޓޭޓޯ ކާން ދިން ހިސާބުންނެވެ. އެ ދުވަހަށްފަހު އޭނާ އަމިއްލައަށް އާފަލެއް ނަގައިގެން ކާން އެއް ދުވަހަކު އުޅެނިކޮށް ކުއްލިއަކަށް ނޭނގޭ ބިރެއް އެ އާފަލު ދެކެ ގަނެގެން އެއްގޮތަކަށް އެ ކާކަށް ސިކުނޑި ގަބޫލެއް ނުވި ކަމަށް ސަމާ ބުންޏެވެ.

އެންމެ ތޮޅި އޮށެއް ކާލާ މަތިން 1000 ޑޮލަރު ދޭން ވެސް ސަމާގެ ކާފަ އެއް ދުވަހު އޭނާއަށް ހުށަހެޅި އެވެ. ނަމަވެސް އެ ވަރުގެ އެއްޗެއް ވެސް އޭނާއަށް އެއްގޮތަކަށް ވެސް ކެވޭ ގޮތެއް ނުވި އެވެ.

"އަހަރެން އަމިއްލައަށް ބަދަލުވާން ބޭނުންވިޔަސް އަހަންނަކަށް ބަދަލެއް ނުވެވޭ،" ސަމާ ބުންޏެވެ.

ސަމާ ބުނި ގޮތުގައި އޭނާއަށް ކާ އެއްޗެތީގެ ވަސް މީރެވެ. ނަމަވެސް އެ ކާން އުޅުނަސް ނުކެވެ އެވެ. ކާ އެއްޗެތި އޭނާގެ ތުންފަތުގައި ޖެހޭއިރަށް އޭނާއަށް ކޮންމެވެސް ޖިސްމާނީ ބައްޔެއް ކުރިމަތިވެ އެވެ.

ސަމާ ހެނދުނު ސަޔެއް ނުބޮއެވެ. އެ ގަޑީގައި އެއްވެސް އެއްޗެއް ނުކައެވެ. މެންދުރު ކަނީ ބޮޑު ކޮތަޅެއްގެ ޕޮޓޭޓޯ ޗިޕްސް އެވެ. ރޭގަނޑު ކަނީ ހައެއް ނުވަތަ އަށެއްކަ ޗިކަން ނަގެޓްސް އާއި ފްރައިޒް އެވެ.

މި ގޮތަށް ކެއުން ބެހެއްޓިޔަސް އޭނާގެ ސިއްހަތަށް އެއްވެސް އުނިކަމެއް ނާންނަ ކަމަށާއި އޭނާ ކާ އެއްޗެތިން ހަށިގަނޑަށް ފައިދާހުރި މާއްދާތައް ނުލިބޭނެތީ އޭ ކިޔާފައި އެއްވެސް ވިޓަމިނެއް ސަޕްލިމެންޓެއް ވެސް ބޭނުން ނުކުރާ ކަމަށް ސަމާ ބުންޏެވެ.