ރައީސް އަބްދުﷲ ޔާމީން

ނަޝީދު ގޮވަނީ ކޮސް: ޔާމީން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިނުވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އާންމު މެންބަރުންނަށް ރައީސް ޔާމީންގެ ވާދަވެރިޔާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ރައީސް ޔާމީން ރައްދު ދެއްވައިފި އެވެ.

އދ. މަހިބަދޫގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ނަޝީދުގެ ގޮވާލެއްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ނަޝީދުގެ ވާހަކަފުޅު ސިފަ ވަނީ "ކޮސް" ގޮވުމެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ނަޝީދުގެ ގޮވާލުންތަކަށް އިޖާބަދީ އަޑުއަހާނެ މެންބަރަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށާ އެވަރުގެ އެނގިވަޑައިނުގަންނަވާ ބޭފުޅުން ސިޔާސީ ކަންކަމުގައި އުޅުއްވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ޔާމީން ވިދާޅުވީ ވެރިކަމަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް އަލުން ކަނޑައަޅަން ޖެހޭ ކަމަށެވެ.

ނަޝީދު ފަދަ ހަނދާން ބަލި ބޭފުޅުންނަށް ދެން ފުރުސަތު ދިނުމާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ އަޖައިބުވެ އަންތަރީސްވެ ކޮސްވެ. އޭނާ [ރައީސް ނަޝީދު] ބުނާ ވާހަކައެއް ގަބޫލުކުރާނެ ޕީޕީއެމްގެ ރައްޔިތަކު އެބަ ހުރިތޯ. އެހެންވީމަ މި ހިތަށް އަރަނީ މިއީ ރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި މީހެކޭ. އެހެންވީމަ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މި ދަންނަވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުން އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވަންނަ މީހުންގެ ޝަރުތުތައް، ލިޔަންކިޔަން ދަތުން އެކަނި އޮތުން މިހާރު ޝަރުުތަކަށް ނުފުދޭ ނޫންތޯ. މި ދެންނެވީ ރައީސްކަން ކޮށްފައިވާ މީހަކު ދައްކާ ވާހަކަތައް،" ޔާމީން ވިދާޅުވިއެވެ.

ނަޝީދު މިއަދު ވިދާޅުވީ ރަައީސް ޔާމީން، އިންޑިއާއާ އިދިކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދު އޮތް ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ ދިވެހީންނަށް ގެއްލުން ދޭނެ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.

"ޕީޕީއެމް ގެ މެންބަރުންގެ ކިބައިން ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ގައުމަށްޓަކައި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ނުލެއްވުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އިންޑިއާގެ ދިފާއުގައި އަބަދުވެސް ވަކާލާތު ކުރައްވާ އަދި އެ ގައުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.

ރައީސް ޔާމީން މިނިވަންވި ފަހުން އިންޑިއާ އައުޓްގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި، ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފަ އެވެ. މާލެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި ފ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ފަހުން މި ހަރަކާތަށް އެމަނިކުފާނު ވަޑައިގެންނެވީ ރ. ދުވާފަރަށެެވެ. އަދި މީދޫއަށްވެސް ވަނީ ވަޑައިގެންފައެވެ.