އިންޑިއާ މީހަކާއެކީ ވިޔަފާރީގެ އެގްރީމަންޓެއް ނުކުރެއްވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ. ރައީސް ޔާމީން މި އިލްތިމާސް ކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އދ. މަހިބަދޫގައި ބޭއްވި "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު ވިޔަފާރީގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ނަމުގައި އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމަކީ އިންޑިއާގެ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދީ އެ މީހުންްގެ ހައްގުތައް ކަށަވަރު ކުރުމަށް ހެދިފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ.
އެއްބަސްވުމުގައި ވާ ގޮތުން ދިވެއްސަކާއި އިންޑިއާ މީހަކާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތެއްގައި މައްސަލަ ޖެހިއްޖެނަމަ އެ މައްސަލައެއް އިންޑިއާގެ ކޯޓްތަކަށް ހުށައަޅާ ހައްލު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާ މީހާ ރާއްޖޭގެ ކޯޓަށް ހާޒިރުކޮށް މައްސަލަ ބެލުން އެ އެއްބަސްވުމުން މަނާކޮށްފައިވާ ކަމަށެވެ.
އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ނަސޭހަތަކީ އިންޑިއާ ވިޔަފާރިވެރިއަކާއެކު އެއްބަސްވުމެއް ނުހެއްދެވުން ކަމަށެވެ.
"ކޮންމެސް ކޮންމެސް އިންޑިއާގެ މީހަކާއެކު އެގްރީމަންޓް ނުކުރާތި. އަޅުގަނޑު ނަސޭހަތް، އިންޑިއާ މީހަކާއެކީ ވިޔަފާރީގެ އެގްރީމަންޓެއް ނުކުރާތި. އެއީ ނުކުރަންޖެހޭ ސަބަބު މި ދަންނަވަނީ. ވިޔަފާރީގެ އެގްރީމަންޓެއް ކޮށްގެން އެ ގްރީމަންޓްގެ މައްސަލަ ޖެހިއްޖެ ކަމަށްވަންޏާ ދިވެހި ވިޔަފާރިވެރިޔަކަށް އެއްވެސް ޖާގައެއް ނުލިބޭ ދިވެހިރާއްޖޭގެ ކޯޓަކުން އެ މައްސަލަ ނިންމާކަށް. އޭނަ ދަމާ ހަލާފައެ ގެންދަނީ އިންޑިއާގެ ކޯޓަކަށް. އިންޑިއާގެ ކޯޓަކަށް ގެންގޮސް މައްސަލަ ނިންމަނީ. އެ އޮތީ ދެ ސަރުކާރުން އެއްބަސް ކިޔާފައި ދެ ސަރުކާރުން ސޮއިކޮށްފައި އޮތް އެގްރީމަންޓެއް އެ އޮތީ. ކޮބާ ދިވެހީންގެ ހައްގު،" ޔާމީން ވިދާޅުވިއެވެ.
ކޮންމެސް ކޮންމެސް އިންޑިއާގެ މީހަކާއެކު އެގްރީމަންޓް ނުކުރާތި. އަޅުގަނޑު ނަސޭހަތް، އިންޑިއާ މީހަކާއެކީ ވިޔަފާރީގެ އެގްރީމަންޓެއް ނުކުރާތި. އެއީ ނުކުރަންޖެހޭ ސަބަބު މި ދަންނަވަނީ. ވިޔަފާރީގެ އެގްރީމަންޓެއް ކޮށްގެން އެ ގްރީމަންޓްގެ މައްސަލަ ޖެހިއްޖެ ކަމަށްވަންޏާ ދިވެހި ވިޔަފާރިވެރިޔަކަށް އެއްވެސް ޖާގައެއް ނުލިބޭ ދިވެހިރާއްޖޭގެ ކޯޓަކުން އެ މައްސަލަ ނިންމާކަށް. އޭނަ ދަމާ ހަލާފައެ ގެންދަނީ އިންޑިއާގެ ކޯޓަކަށް. އިންޑިއާގެ ކޯޓަކަށް ގެންގޮސް މައްސަލަ ނިންމަނީ. އެ އޮތީ ދެ ސަރުކާރުން އެއްބަސް ކިޔާފައި ދެ ސަރުކާރުން ސޮއިކޮށްފައި އޮތް އެގްރީމަންޓެއް އެ އޮތީ. ކޮބާ ދިވެހީންގެ ހައްގުއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުހުރުއްޕާނެއް ކަމަށާ އެއީ ގަައުމަށް މެދުވެރިވެފައި އޮތް މުސީބާތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ދިވެހީންގެ ރައީސަކު ވެރިކަމުގައި ހުރި ނަަމަވެސް ހަގީގީ ވެރިކަން އޮތީ އެ ރައީސްގެ އަތްޕުޅުގައި ނޫން ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ވެރިކަން ކުރަނީ އަތިރީގޭގައި ހިންގަމުންދާ އިންޑިއާ އެމްބަސީގައި އިންނަވާ އެ ގައުމުގެ ސަފީރު އަންގަވާ ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
"އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުހުރުއްޕާނެއް. ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑު ނުހުރުއްޕާނެއް. އެހެން މި ދަންނަވަން ޖެހެނީ ދިވެހިރާއްޖޭގެ ވެރިކަމުގެ އެއްވެސް ބާރެއް މިއަދު ނެތީތީ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ ހަރަކާތް އިތުރަށް ފުޅާކުރަން މަޖުބޫރުވެއްޖެ ކަމަށެވެ. އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިއްބުމުގެ އިތުރުން އިންޑިއާ އިން ދިވެހީންގެ ދާހިލީ ކަންކަމާއި ހާރިޖީ ކަންކަމަށް ބަސް ކިޔަމުންދާއިރު އެކަން ހުއްޓުވަންވެސް މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ.
"މިހާރު އެ ކުރަނީ ވެރިކަމެއް ނޫން. މިހާރު ވެރިކަން އެ ކޮށްދެނީ އެހެން ބަޔަކަށް. މިހާރު އެ ހުންނަވަނީ ގަވަރުނަރެއް ހުންނަ އުސޫލުން. ގަވަރުނަރެއް ހުންނަ އުސޫލުން ހުންނަ ވެރިއެއް މިހާރު އެ ހުންނެވީ. އޭގެ ދެ މީހަކު އެބަތިބި. އެއް ވަޒީފާގައި [ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި] ތިބި ދެ މީހަކު އެބަތިބި. އެހެން ކަމުން މިތަނުން ކާކު ކަމެއް ނޭންގެ އިސް ގަވަރުނަރަކީ އެއް. އެހެންވީމަ ވަރަށް ހާލުގައި ދިވެހިރާއްޖެ މިއަދު މި އޮތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.