ލައިފްސްޓައިލް

ކެންސަރު ޖައްސާ ކާއެއްޗިއްސާ ދުރުހެލިވުން

ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ ކެންސަރުގެ ހާއްސަ ޑޮކްޓަރުން (އޮންކޮލޮޖިސްޓުން)ގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. ކޮރޯނާވައިރަސް ޕެންޑެމިކްގެ ސަބަބުން ދިރިއުޅުމަށް އައި ބަދަލުތަކުގެ ސަބަބުން ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ހިނގައިދާނެކަމުގެ ކަންބޮޑުވުމެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ތެރެއިން އިންޑިއާގައި އެންމެ ގިނަ މީހުން މަރުވާ ދެވަނަ ބައްޔަކީ ކެންސަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވެ އެވެ. އެ ގައުމުގައި އަހަރަކު މި ބަލީގައި އައްލައްކަ މީހުން އެވްރެޖްކޮށް މަރުވެ އެވެ.

ކެންސަރަކީ 21 ވަނަ ގަރުނުގައި ދުނިޔޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިހާރު އަންދާޒާކުރާ ގޮތުގައި 2040އާ ހަމައަށް ދާއިރު ކެންސަރު ޖެހޭ މީހުންގެ އަދަދު 60 ޕަސެންޓަށް މަތިވާނެ އެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވަނީ ކެންސަރަކީ އޭގެން ދިފާއުވުމަށް އިންސާނުންނަށް ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެ ބައްޔެއް ކަމަށެވެ. ހަރަކާތްތެރި ދިރިއުޅުމެއް ޚިޔާރުކޮށް ކެއިން ބުއިމުގައި ބަލައިގެން އުޅެގެން އެކަން ކުރެވޭނެ ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ނިއުޓްރިޝަނިސްޓް އަދި ހެލްތު ކޯޗު ނެހާ ރަންގްލާނީ އެ ގައުމުގެ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި އަހަރެމެން ޕްރޮސެސްޑް ފުޑް ކެއުން މަދުކުރުމުން ކެންސަރު ސެލްތަކަށް ކާނާ ނުލިބި ހާންތި ވާނެ އެވެ.

"އޯގަނިކް އަދި ފައިބަރުން މުއްސަނދިވެފައިވާ އަލްކަލައިން ކާނާގެ ތެރޭގައި ހިމެނޭ ފެހިކުލަގަދަ ފަތާއި، މޭވާ، ބިމުގެ އަޑިއަށް ފައިބާ ތަރުކާރީ، ރޯ ތަރުކާރީ، ސްޕްރައުޓްސް ބޭނުންކުރުމުން ގޮހޮރުގައި ރަނގަޅު ބެކްޓީރިއާ އުފެދޭލެއް ގިނަވެ ހަށިގަނޑުގައި ވިހަ ބައިތައް މަދުވާނެ. މިއީ ކެންސަރު ފެތުރުން ދަށްކުރެވޭނެ ކަމެއް. މީގެ އިތުރުން ދޯބުރާލި ހަކުރާއި އާދައިގެ ގޮދަންފުށް، ވެޖެޓެބަލް އޮއިލް ކަހަލަ ރިފައިންޑް އޮއިލް އާއި ފެޓްސް ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހޭނެ. އަދި ހޫނުކޮށްލައިގެން ވަގުތުން ކާލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކާނާ އަކީ ވެސް ކެއުން އެހާ ރަނގަޅު އެއްޗެއް ނޫން،" ނިއުޓްރިޝަނިސްޓް ބުނެފައި ވެއެވެ.

އަހަރެމެން ކާ ކެއުމަކީ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ނުވަތަ އެކަމުން ދިފާއުވުމަށް މަގުފަހިކުރުވާ އެއްޗެއް ކަމަށާއި ފުޑް ޗޮއިސް ބަދަލުކޮށްލުމުން ކެންސަރުން ދިފާއުވާން ފަސޭހަވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކިރުގެ ބާވަތްތަކާއި ހަކުރު އަދި ޕްރޮސެސް ކޮށްފައިވާ ކާބޯހައިޑްރޭޓްސް ބޭނުންކުރާނަމަ ބޮޑެތި މީހުންނަށް އާއްމުކޮށް ޖެހޭ ހަކުރުބައްޔާއި ފަލަބަލި ޖެހޭ. މިއީ ކެންސަރާ ގުޅިފައިވާ ދެކަން،" ނެހާ ބުނެފައި ވެއެވެ.

ކާސިނޯޖަން (ކެންސަރު ޖައްސާ މާއްދަތައް) ހުންނަ ކާއެއްޗެތީގެ ތެރޭގައި ޕިކްލް (އަސާރަ)، ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަސް، ގޮދަންފުށް، ޖެނެޓިކަލީ މޮޑިފައި ކޮށްފައި ހުންނަ ކާއެއްޗެތި، ހައިޑްރޮޖެނޭޓެޑް އޮއިލް، މައިކްރޯވޭވް ޕޮޕްކޯން، ޕޮޓޭޓޯ ޗިޕްސް ހިމެނެ އެވެ.

ހަމަ އެއާއެކު ކެންސަރުން ދިފާއުވުމަށް ކެވިދާނެ އެއްޗެތި ވެސް ބައިވަރެވެ. ރީނދޫ، ސްޕިނެޗް، ބްރޮކޮލީ، އިނގުރު، ގްރީން ޓީ، ލޮނުމެދު، ރަތް ކެބޭޖް، ބްލޫބެރީޒް، އަންނާރު، އޮރެންޖް، މަލްބެރީޒް، ފައިބާ-ރިޗް ކާނާ އަދި ވިޓަމިން އޭ އާއި ސީ ގިނައިން ހުންނަ ކާނާ އަކީ ކެންސަރު ޖެހުމުގެ ސަލާމަތްވުމަށް ކެވިދާނެ އެއްޗިއްސެވެ.

ދުނިޔޭގެ މަޝްހޫރު ހެލްތު ގުރޫ ޑރ. މިކީ މެހެތާ ބުނި ގޮތުގައި ކެންސަރު ޖެހެނީ ސެލިއުލާ ޖެނަރޭޝަންތައް ބޭނުންވާ ކާނާތައް ހަށިގަނޑުގައި މަދުވެގެންނެވެ.

"އަހަރެމެންނާ ނުގުޅޭ އެއްޗެއް ކެވޭއިރަށް އަހަރެމެންނަށް އެކަމުން ކޮންމެވެސް ކަހަލަ އުނދަގުލެއް ވާނެ. އެ ވެދާނެ ކެވުނު އެއްޗަކުން ކަމަށް ނުވަތަ އެއަށް އަޅާފައި ހުރި ކުލަ، ޕްރިޒަވޭޓިވްސް ފަދަ އެއްޗަކުން ކަމަށް. ނުވަތަ އެ ކާނާއެއް ޕްރޮސެސް ކުރުމުގައި ދިމާވި ކަމަކުން ކަމަށް. މި ފަދަ އެއްޗެތި ކެވޭނަމަ ކެންސަރު ފަސޭހައިން ޖެހެން މެދުވެރިވާނެ،" އޭނާ ވިދާޅުވި އެވެ.