ކޮލަރާޑޯގައި ދިރިއުޅޭ ނުވަ އަހަރުގެ ކައިއާ އަރަގޯން ޓިކްޓޮކްގައި ފޮލޯކުރާ މީހުންގެ އަދަދު މިހާރު މިލިއަނަކަށް ވުރެ ގިނަ އެވެ. މި ކުއްޖާ މިހާ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާ އަމިއްލައަށް ފަރުމާކޮށް ފަހާފައިވާ ރީތި އާ ޑިޒައިންތަކުގެ ހެދުންތަކުގެ ސަބަބުންނެވެ.
ތިންވަނަ ގްރޭޑްގައި ކިޔަވާ ކައިއާގެ އެތައް ހާސް ފޭނުންނެއް މިހާރު ސޯޝަލް މީޑިއާގައި އުޅެ އެވެ.
ހެދުން ޑިޒައިން ކުރުމާއި ފެހުމުގެ މަސައްކަތް ކައިއާ ފެށީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގައިވާ ޚަބަރެއް ބުނާ ގޮތުގައި ކައިއާގެ މަންމަ ޓޮންޔާ އޭނާއަށް ފަހާފޮއްޓެއް ގަނެދިންތާ އަދި މިވީ އެންމެ އަހަރެކެވެ. އޭރުއްސުރެ ކައިއާ ޑިޒައިންކުރާ ހެދުންތައް ފަހާ ހަދަނީ ވެސް އޭނާ އަމިއްލަ އަށެވެ.
އުމުރުން އެންމެ ނުވަ އަހަރުގައި މަޝްހޫރު ފެޝަން ޑިޒައިނަރަކަށް ވުމުގެ އިތުރުން ކައިއާގެ އަމިއްލަ ފެޝަން ކޮމްޕެނީ އެއްވެސް އެބައޮތެވެ. ނަމަވެސް ކައިއާގެ ޓިކްޓޮކް އެކައުންޓް ބަލަހައްޓަނީ އަދި އޭނާގެ މަންމަ އެވެ.
ކައިއާ ޑިޒައިންކޮށް ފަހާ ހެދުންތަކުގެ ފޮޓޯތައް ޝެއާކޮށް ހުރިހާ ކަމެއް ކުރަނީ އޭނާގެ މަންމަ އެވެ. އަދި މި ހެދުންތަކަށް އެތައް މިލިއަން ލައިކްސްއެއް ލިބިފައިވެ އެވެ.
މި ހެދުންތައް ބަލާފައި ގިނަ ބަޔަކު ކައިއާގެ މޮޅު ކަމަށް ތައުރީފުކޮށް އެ ހެދުންތައް ގަންނަން ޝައުގުވެރިވާކަން ވެސް ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް އޭނާގެ މަންމަ އަދި އެ ހެދުންތައް ވިއްކާކަށް ބޭނުމެއް ނޫނެވެ. ދަރިފުޅުގެ ހޮބީއެއްގެ ގޮތުގައި ހެދުންތައް ރައްކާކޮށްފައި އަދި ބަހައްޓަން ކައިއާގެ މަންމަ ގަސްތުކުރެ އެވެ.
ކައިއާގެ މި ހުނަރު ފާހަގަކޮށް ދުނިޔޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު ވެރާ ވެންގް ވަނީ އަތުން ލިޔެފައިވާ ނޯޓެއް ކައިއާ އަށް ފޮނުވާފަ އެވެ.
މިހާ ކުޑައިރުވެސް ކައިއާ އަށް ހެދުމުގެ ކޮން ތަނެއްގައި ކޮން އެއްޗެއް އިނުމުންކަން އެންމެ ރީތިވާނީ އެނގެ އެވެ. އޭނާ ހެދުމުގެ ކުލަތައް ގުޅުވާލާ ގޮތާއި ކޮންމެ ހެދުމެއްގެ މަސައްކަތް ކޮށްފައި ހުންނަލެއް ފުރިހަމަކަމުން ބޮޑެތި މީހުން ހައިރާންވެ އެވެ.
ޓޮންޔާ ވަނީ އޭނާގެ ދަރިފުޅު ހެދުން ޑިޒައިންކުރަން މަސައްކަތްކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ޝެއާ ކޮށްފަ އެވެ. ކައިއާގެ ހުނަރާއި އޭނާ ހެދުން ތައްޔާރުކޮށްލަން އެ ގެންގުޅޭ ހުނަރުވެރި ގޮތްތައް ވީޑިއޯތަކުން ވަރަށް ރީއްޗަށް ހާމަވެ އެވެ.