މަތިވެރި

މަަތިވެރި ވޮލީ ކޯޓް ހުޅުވައިފި

އއ. މަތިވެރިން: އަހުމަދު ހަމީދު އާދަމް
Mar 12, 2022

އއ. މަތިވެެރި ވޮލީ ކޯޓް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ޔޫތު މިނިސްޓްރީން އެ ރަށުގައި ތަަރައްގީ ކުރި ވޮލީ ކޯޓް ހުޅުވުމަށް މިއަދު ހަވީރު މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ކޯޓް ހުޅުވައިދެއްވީ ޔޫތު މިިނިސްޓަރު އަހުމަދު މަހުލޫފް އާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

މިއީ ޒަމާނީ ވޮލީ ކޯޓްތަކެއް ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީން ކުރަމުން ގެންދާ މަަސައްކަތުގެ ތެރެއިން ހުޅުވި ހަތަރުވަނަ ވޮލީ ކޯޓެވެ.

މި ކޯޓް ހުޅުވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ކުޅިވަރުގެ ތަރައްގީއަށް ކުރެވޭ ކޮންމެ މަސައްކަތަކާއެކު ބޮޑު ހިތްހަމަ ޖެހުމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގައި 50 ވޮލީ ކޯޓް އެޅުމަށް މިހާރުވެސް އެކި މަރުހަލާތަކުގައި މަަސައްކަތް ވާ ކަމަށް ފާހަގަކުރެއްވިއެވެ.

އަދި މާލެ އެކޭ އެއްގޮތަށް އަތޮޅުތަކުގައިވެސް ކުޅިވަރު ކުޅޭ ތަންތަނާއި ކުޅިވަރު ވަސީލަތްތައް ތަަރައްގީ ކުުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތަށް ގައުމީ އަންހެން ވޮލީ ބޯޅަ ޓީމުވެސް ވަނީ މި ރަށަށް އައިސްފައެވެ. އެ ކުޅުންތެރިންނާ މިއަދު ބައްދަލްވެ ދެކެވުނު ވާހަކަތަކުގައި މާލޭގައި ފެންވަރު ރަނގަޅު އައުޓް ޑޯ ކޯޓްތަކެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ކުޅުންތެރިން ފާޅުކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މި މަސް ނިމުމުގެ ކުރީން މަތިވެރީގައި ހަދާފައިވާ ފަދަ ތިން އައުޓް ޑޯ ކޯޓް މާލޭގައި ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވަނީ މަތިވެރީގައި ވޮލީ ކޯޓެއް ހަދައިދިނުމަށް އެދުނުތާ ނުވަ މަސް ދުވަހުގެ ތެރޭގައި އެ މަަސައްކަތް ނިމި ހަގީގަތަކަށް ވެގެންދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވޮލީ ކޯޓްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވީ މި ރަށު ޖަމިއްޔާތަކާއި އާންމު ރައްޔިތުންނަށް ޝުކުރު އަދާކުރިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ ފަރާތުން މި ރަށުގެ ސުކޫލު ކުދީންނާއި ޒުވާނުންނަށް ވަނީ ވޮޅީ ބޯޅަ ހަދިޔާކޮށްފައެވެ. ވެޓަރަންސްގެ ފަރާތުން މީގެ ކުރީން ވަނީ ވޮލީ ނެޓް ހަދިޔާކޮށްފައެވެ.

ސުކޫލު ކުދީންނަށް ޒުވާނުންނަށް ވޮޅީ ބޯޅަ ހަދިޔާކޮށްދެއްވީ މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ ރައީސް އަދި ކުޅިވަރު ލެޖެންޑް ސައްޔިދު އަލީ އެވެ.

މީގެ އިތުރުން މަތިވެރީގައި ގާއިމުކުރި ވޮލީ ކޯޓް ރަސްމީކޮށް އެ ރަށު ކައުންސިލާވެސް މިއަދު ވަނީ ހަވާލުކޮށްފައެވެ.

ވޮލީ ކޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ގައުމީ އަންހެން ވޮލީ ޓީމާއި މަތިވެރިން ފާހަގަކޮށްލެވުނު ވޮލީ ޓީމަކާ ދެމެދު އެކުވެރި ކަމުގެ މެޗެއް ވަނީ ކުޅެފައެވެ.