ރާއްޖެ ކުޅިވަރު

ބޫޓާން ކޮޅަށް ތިން ލަނޑުޖަހައި ރާއްޖެ ރަނގަޅަށް ފަށައިފި

Dec 24, 2015

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބޫޓާން 3-1 އިން ބަލިކޮށް ރާއްޖެ ފެށުން ރަނގަޅުކޮށްފި އެވެ. ގިނަ ފުރުސަތުތަކެއް ރާއްޖެއިން ނަގާލި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގައި އަހުމަދު އިމާޒް (އާއްކޮ) އާއި އަސަދުﷲ އަބުދުﷲ އެވެ. ރާއްޖޭގެ ފުރަތަމަ ލަނޑަށް ފަހު ބޫޓާނުން އެއްވަރުކުރި ލަނޑު ޖެހީ ފުރަތަމަ ހާފުގައި އެމީހުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ބޯޅައިންނެވެ.

ދިވެހި ޓީމުގެ ތިން ވަނަ ލަނޑު ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހީ ހަތަރު ކުޅުންތެރިން ކަޓުވާފަ އެވެ. މިއީ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ ކޮަޅަށް ދެ ހެޓްރިކް ހެދި ކުޅުންތެރިޔާ ބޫޓާންކޮޅަށް ޖެހި އަށް ވަނަ ލަނޑެވެ. އަދި ގައުމީ ޓީމަށް ޖަހައިދިން 45 ވަނަ ލަނޑެވެ.

ގިނަ ވަގުތު ރާއްޖެ ކޮންޓްރޯލްކުރި މި މެޗުގައި ކީޕަރުކަންކޮށްފައިވަނީ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދެވެ. މިއީ މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންގައި ކުޅެނިކޮށް އަނިޔާވި ފަހުން އޭނާ ވާދަވެރި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.

މި މެޗަށް ފަހު މިއަދު އިރުއޮއްސޭއިރު މި ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް ވާދަކުރާނެ އެވެ. އެ މެޗްގެ ލައިވް އަޕްޑޭޓްސް އަވަސް އިން ގެނެސްދޭނެ އެވެ.