އައިލެންޑް އޭވިއޭޝަން

ސިފައިންގެ ވެހިކަލްތަކުގައި ފަތުރުވެރިން އުފުލަނީ

Mar 13, 2022

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރާ ފަތުރުވެރިން ސިފައިންގެ ވެހިކަލްތަކުގައި އުފުލަނީ މޯލްޑިވިއަންގެ ވެހިކަލްތަކުގައި އުފުލޭ ވަރަށް ވުރެ ގިނައިން މިވަގުތު ފަތުރުވެރިން ރާއްޖެ އަންނަމުން ދާތީ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ބުނެފި އެވެ.

ސިފައިންގެ ވެހިކަލްތަކުގައި ފަތުރުވެރިން އުފުލާތީ ބައެއް އާންމުން ގެންދަނީ އެކަމާ ގުޅިގެން ސޯޝަލްމީޑިއާގައި މޯލްޑިވިއަން ހިންގާ ކުންފުނި -- އައިއޭއެސް އަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އެ ކުންފުނީގެ ބޯޓުތަކުގައި ދަތުރުކުރާ ފަތުރުވެރިން ސިފައިންގެ ވެހިކަލްތަކުގައި އުފުލަނީ ސިފައިންނާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެއީ ސިއްރުން ކުރާ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ބޫސްޓް ވެގެން މިދިޔައީ އެއްވެސް މީހަކު އެކްސްޕެކްޓް ކުރި ގޮތަކަށް ނޫން. އެހެންވެ މިވަގުތަށް ކޭޓާ ކުރަން އުދނގޫވާތީ އަޅުގަނޑުމެން އެމްއެންޑީއެފްގެ އެހީތެރިކަން ހޯދީ. ފަތުރުވެރިންނަށް ރަނގަޅަށް ކޭޓާ ނުކުރެވިއްޖެނަމަ ރާއްޖެއަށް ލިބޭ ނަން މާހުތުރު ވެދާނެ. ދެން އެހެން ނޫނަސް ގައުމީ އެއާލައިނުން އެހީތެރިކަމެއް ބޭނުންވުމުން ގައުމުގެ ސިފައިން ނޫންތޯ އެ އެހީތެރިވަނީ،" ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިއޭއެސްގެ ބޭނުމަށް ހަރަކާތްތެރިވާ ސިފައިންގެ ވެހިކަލް ދުއްވާނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ. އެފަދަ ވެހިކަލް ތަކުގައި ފަތުރުވެރިންނާ މުއާމަލާތްކުރުމަށް އައިއޭއެސްގެ މުވައްޒަފުން ތިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޖެނިފާ އިތުރަށް ވިދާޅުވީ މޯލްޑިވިއަންގެ ބޭނުމަށް ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ މަހު ވެހިކަލްތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މޯލްޑިވިއަންގެ ބައެއް އެއާކްރާފްޓް ގުރައުންޑްވެ އަމިއްލަ އެއާލައިންތަކުގެ ފްލައިޓްތައް ޗާޓަރު ކޮށްގެން ވެސް މިދިޔަ ދުވަސްތަކުގައި އައިއޭއެސް އިން ހިދުމަތް ދީފައިވެ އެވެ. އެކަމާ ގުޅިގެން ވެސް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް މޯލްޑިވިއަން އަށް އަމާޒުވި އެވެ.