ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެކައުންޓެންޓުން ތަމްރީން ކުރަން 150 ސްކޮލާޝިޕް

ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރަން 150 ދަރިވަރަަކަށް ސްކޮލަޝިޕް ދީފި އެވެ.

ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ލިިޔުން ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓު ސްކޮލަޝިޕްތައް ހުލުވާލީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ސްކޮލަޝިޕަށް 493 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

މި ސްކީމްގެ ދަށުން 50 ފުރުސަތު ރިޒާވް ކޮށްފައިވަނީ ޕަބްލިކް ސެކްޓަރަށެެވެ. ބާކީ 100 ފުރުސަތު ރިޒާވްކުރީ ޕްރައިވެޓް ސެކްޓަރަށެވެ.

ޗާޓަޑް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ފުރުސަތު ހުޅުވާލީ އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލްއަށް އަދި ސީމާ ލެވެލް އަށެވެ.

މިޕްރޮގްރާމްގައި ކިޔަވާ ފަރާތްތައް ދެ އަހަރުގެ މުއްދަތަށް ރާއްޖޭގައި ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ އެވެ.

ސްކޮލާޝިޕް ސްކީމްގެ ދަށުން ސަރުކާރުން ދޭ އިނާޔަތްތައް

  • ރަޖިސްޓްރޭޝަން ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ
  • އެގްޒެމްޝަން ފީ
  • އެގްޒާމް ފީ
  • ބުކް އެލަވަންސް
  • ޓިއުޝަން ފީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާ ދަރިވަރުންނަށް އެކަނި)
  • މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައިވާ ހުރިހާ ޚަރަދެއް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމަ ހަސަން މީގެ ކުރިން ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބަލާއިރު ވަރަށް ގިނަ އަދަދެއްގެ އެކައުންޓެންޓުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި ސަރުކާރަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކައުންޓެންސީ ދާއިރާއިން މީހުން ބިނާކުރުމާއި، ވަޒީފާގެ ބާޒާރުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީ އެކައުންޓެންޓުންގެ ބަދަލުގައި ދިވެހިން އެ ވަޒީފާތަކަށް ނެރުން ކަމުގައިވެސް ވިދާޅުވި އެވެ.