ރާއްޖެ ކުޅިވަރު

ދަގަނޑޭ ނުހުއްޓުވޭނެ، ލަނޑު ޖެހުން ރަނގަޅު ކުރަންޖެހޭ: ގައުމީ ކޯޗު

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް ބޫޓާނާ ދެކޮޅަށް ގިނަ ފުރުސަތުތަކެއް ބޭކާރުކުރެވިފައިވާތީވެ ލަނޑުޖެހުން ރަނގަޅު ކުރަންޖެހޭ ކަމަށް ގައުމީ ކޯޗު ބުނެފި އެވެ.

ސާފް ސުޒުކީ ކަޕުގައި ބޫޓާން އަތުން 3-1އިން މޮޅުވި މެޗަށް ފަހު ކޯޗު ބުނީ ރާއްޖޭގެ ޓީމު ކުޅުނީ މުޅިން އާގޮތަކަށް ކަމަށާއި ނަމަވެސް ދެ ޓީމުގެ ކުޅުމަށް ބަލާއިރު މުޅި މެޗަކީ އެހާ ފުރިހަމަ މެޗެއްނޫން ކަމަށެވެ.

"އަހަރެންގެ ޓީމަށް މިއަދު ގިނަ ފުރުސަތުތަކެއް ބޭނުމެއް ނުކުރެވުނު. އަހަރުމެން ރަނގަޅުކުރަންވީ ކަމަކީ ލަނޑުޖެހުން،. އެކަމަކު މެޗުގައި ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތައް ފެނިގެން ހިނގައްޖެ،" ކޯޗު ބުންޏެވެ.

ބިދޭސީ ނޫސްވެރިން ދަގަނޑޭއަކީ މި ގްރޫޕުގައި ތަފާތު ދައްކާނެ ކުޅުންތެރިޔާތޯ އެހުމުން ކޯޗު ބުނީ އެކަމަށް ޝައްކު ނުކުރާ ކަމަށެވެ.

"އަޝްފާގް ނުހުއްޓުވޭނެ. އޭނާ އެކަން ދައްކައިދީފި. އޭނާ އަކީ ރާއްޖޭގެ އިތުރުން އޭޝިޔާގައި ވެސް ފުޓްބޯޅައިގެ ނަމޫނާ ކުޅުންތެރިއެއް. އޭނާ މިއަދު އެކުޅުނީ ވަރަށް ޕްރެޝްކޮށް ހުރެ. ކުރިއަށްވުރެ އޭނާގެ ތަފާތު ދެއްކި. އޭނާ އަށް އެނގޭ ޒުވާން ކުޅުންތެރިން ފަހަތުން އަރަމުން އަންނަކަންވެސް،" ކޯޗު ބުންޏެވެ.