ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މާސްކު އެޅުން މިހާރު މަޖުބޫރެއް ނޫން

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުގައި އުޅެންޖެހޭނީ މާސް އަޅައިގެން ކަމަށް އެޗްޕީއޭއިން އަންގާފައިވަނީ ޑިސެންބަރު 2، 2020 ގައެވެ. މިއަދާ ހަމައަށްވެސް މާސްކު އެޅުން އޮތީ މަޖުބޫރު ކަމެއްގެ ގޮތުގައެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑު-19 އާ ގުޅިގެން ދިވެހި ރާއްޖޭގައި އިއުލާން ކުރެވިފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާތީ ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް އަދިވެސް ދެ ހާލަތެއްގައި މާސްކު އެޅުން މަޖުބޫރެވެ. އެ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރެވެ. އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ މީހުންވެސް އެ ވަގުތު މާސްކު އެޅުން މަޖުބޫރުވާނެ އެވެ.

މީގެ އިތުރުން ކޮވިޑު-19 އަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެން މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި މާސްކު އަޅަން ޖެހެއެވެ.

އެޗްޕީއޭއިން މިރޭ ބުނީ ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބަލިޖެހުމުން ނުރައްކާ ވެދާނެ މީހުންނާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަކީވެސް އެދެވިގެންވާ ކަމެއް ކަމަށެވެ.