ލައިފްސްޓައިލް

ބަނޑުބޮޑުއިރު ސްޓްރޯބެރީ ކެއުމުގެ ފައިދާ

މާބަނޑު ދުވަސްވަރު ތަރުކާރީ އާއި މޭވާ ގިނައިން ކެއުމަށް ސަމާލުވުމަށް ސިއްހީ ތަޖުރިބާކާރުން ނަސޭހަތް ދެއްވަ އެވެ. ތަރުކާރީ އާއި މޭވާގެ އިތުރުން ފެހިކުލަގަދަ ފަތާއި ސީރިއަލްސް، ކިރު، ޑައިރީ ޕްރޮޑަކްޓްސް، ބިސް، ސީޑްސް އަދި މުގުގެ ބާވަތްތަކަކީ ވެސް މާބަނޑުއިރު ކެއުން މުހިއްމު އެއްޗިއްސެވެ.

ނަމަވެސް ބައެއް ފަހަރަށް ކާންވީ ކޯޗެއްކަން ނުވަތަ ކާން ނުވާތީ ކޯޗެއްކަން މާބަނޑު މީހާއަށް ވެސް އޮޅެ އެވެ.

ތަޖުރިބާކާރުން ބުނަނީ މާބަނޑުއިރު ކޮންމެ ކަހަލަ މޭވާއެއް ވެސް ކެވިދާނެ ކަމަށެވެ. އަދި ސްޓްރޯބެރީ އަކީ އެ ދުވަސްވަރު ކެއުން ވަރަށް ރަނގަޅު އެއްޗެއް ކަމަށެވެ. މާބަނޑު އަންހެނުން ސްޓްރޯބެރީ ކެއުމުން ގިނަ ގުނަ ފައިދާތަކެއް ލިބޭ ކަމަށެވެ. ސަބަބަކީ ސްޓްރޯބެރީއަކީ ފައިދާހުރި ގިނަގުނަ މާއްދާތަކެއް އެކުލެވޭ މޭވާއަކަށް ވާތީ އެވެ.

ސްޓްރޯބެރީގައި އެކުލެވޭ ނިއުޓްރިއަންޓްސްގެ ތެރޭގައި ވިޓަމިން ސީ، ފައިބާ، ޕޮޓޭސިއަމް، އަޔަން، އެންޓިއޮކްސިޑަންޓްސް، ފޮލިކް އެސިޑް ހިމެނެ އެވެ. މިއީ މާބަނޑު މީހުންނަށް ވަރަށް ބޭނުން މާއްދާ ތަކެކެވެ.

ހެލްތު އޮންލައިންގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސްޓްރޯބެރީގައި ވިޓަމިން ސީ ވަރަށް ގިނަ އެވެ. މިއީ ދިފާއީ ނިޒާމު ވަރުގަދަ ކުރާ އެއްޗެކެވެ. ދުވާލަކު އެއް ޖޯޑު ސްޓްރޯބެރީ ކެއުމުން 84 މިލިގްރާމް ވިޓަމިން ސީ ލިބެ އެވެ. މިއީ ހަށިގަނޑު އެކި ކަހަލަ އިންފްލެމޭޝަންސް ތަކުން ވެސް ދިފާއުކޮށްދޭނެ މާއްދާއެކެވެ.
ވިޓަމިން ސީ އަކީ ކޮލާޖަން ފޯމޭޝަން އަށް ވެސް މުހިއްމު އެއްޗެކެވެ. ކޮލާޖަން އަކީ ބާވަތެއްގެ ސްޓްރަކްޗަލް ޕްރޮޓީން އެކެވެ. މިއީ ބަނޑުގައި އޮންނަ ތުއްތު ކުއްޖާގެ ހަމާއި ކައްޓާއި ކާޓިލެޖް ރަނގަޅަށް ހެދި ބޮޑުވުމަށް މުހިއްމު އެއްޗެކެވެ.

ދިފާއީ ބާރު ހަށިގަނޑުގައި ވަރުގަދަ ވުމަކީ މާބަނޑުއިރު ޖެހޭ އެކި ކަހަލަ އިންފެކްޝަންތަކުން ދިފާއުވުމަށް ވެސް މަގު ފަހިވާ ކަމެކެވެ. ސްޓްރޯބެރީ ޖޫސް ގިރައިގެން ވެސް ސްމޫތީ ހަދައިގެން ވެސް އަދި ސެލެޑް އަކަށް އަޅައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ.

ސްޓްރޯބެރީޒް އަކީ ވަރަށް މަދުން ކެލޮރީޒް ހުންނަ މޭވާ އެކެވެ. ސްޓްރޯބެރީޒް ޖޯޑެއްގައި ހުންނާނީ އެންމެ 50 ކެލޮރީޒް އެވެ.