އީރާނުން ބަޣްދާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އީރާޖު މަސްޖޭދީ އީރާގުގެ ފޮރިން މިނިސްޓްރިއަށް ހާޒިރުކޮށްފި އެވެ.
އީރާގު ފޮރިން މިނިސްޓްރީން ބަޔާނެއްގައި ބުނެވައިވާ ގޮތުން އީރާން ސަފީރު ހާޒިރުކުރަން ޖެހުނީ އިރުބީލްއަށް ބެލިސްޓިކް މިސައިލްތަކެއް އީރާނުން ފޮނުވި މައްސަލާގަ އެވެ. އިރުބީލް އަކީ އީރާގުގެ އުތުރުގައި އޮންނަ ކުރުދިސްތާންގެ ސިޓީއެކެވެ.
އިރުބީލަށް ފޮނުވި ބެލިސްޓިކް މިސައިލްތަކާ ބެހޭ ގޮތުން އީރާނުން ބުނީ ހަމަލާ އަމާޒުކުރީ އިރުބީލްގައި އިޒްރޭލުން ބިނާވކުރަމުން ގެންދާ އަސްކަރީ މަރުކަޒުތަކަކަށް ކަމަށެވެ.
އީރާން ސަފީރު ހާޒިރު ކުރުމަށް ފަހު އީރާގު ފޮރިން މިނިސްޓްރީން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އީރާގު ފޮރިން މިނިސްޓްރީން ބުނި ގޮތުން އީރާނުން 12 މިސައިލް އީރާގުގެ އިމަށް ފޮނުވާފައިވާ ކަމަށާއި އިރުބީލުގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެމެރިކާ ވެސް ވަނީ މިފަދަ ހަމަލާތަކެއް އެމެރިކާގެ މަރުކަޒަކަށް އަރާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އެމެރިކާ ބުނާ ގޮތުން ހަމަލާތަކުގެ ސަބަބުން އެމެރިކާ ރައްޔިތަކަށް އަނިޔާވި އެވެ.
އެމެރިކާ އޮފިޝަލް ވިދާޅުވި ގޮތުން އިރުބީލްގައި ހިނގީ އެކްސިޑެންޓެއް ނޫނެވެ. އެއީ ބަޔަކު ގަސްދުގައި ދިން ހަމަލާއެކެެވެ.
އިރުބީލަށް ދިން ހަމަލާ އިޒްރޭލުން ވެސް ވަނީ ކުށްވެރި ކޮށްފަ އެވެ. އަދި އީރާނަކީ މުޅި ސަރަހައްދަށް ހުރި ނުރައްކަލެއް ކަމަށް އިޒްރޭލު ބުނާ ބުނުން ތަކުރާރުކޮށްފަ އެވެ.