އޭސީސީ

އޭސީސީގައި ގިނައީ ކައުންސިލްތަކުގެ މައްސަލަތައް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް ކަމަށް އެ ކޮމިޝަންގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އޭސީސީއިން މިއަދު ނެރުނު އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، އެ ކޮމިޝަނަށް މިދިޔަ އަހަރު 782 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެތެރެއިން ކޮމިޝަނަށް 758 މައްސަލަ ހުށަހަޅާފައިވާއިރު އަމިއްލައަށް އިސްނަގައިގެން 24 މައްސަލައެއް ބަލަން ފެށި އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ކޮރަޕްޝަންގެ މައްސަލަތައް ރައްދުވެފައި ވަނީ އަތޮޅު އަދި ރަށު ކައުންސިލްތަކަށެވެ. އެގޮތުން ރަށު ކައުންސިލްތަކަށް ނިސްބަތްވާ 197 މައްސަލައަކާއި އަތޮޅު ކައުންސިލްތަކަށް ނިސްބަތްވާ 117 މައްސަލަ އޭސީސީއަށް ހުށަހެޅި އެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ސްކޫލްތައް ހިމެނޭހެން އެޑިއުކޭޝަން މިނިސްޓްރީ އަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. އެއީ 68 މައްސަލައެކެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައްދުވާ 64 މައްސަލައެއް އޭސީސީއަށް މިދިޔަ އަހަރު ވަނީ ހުށަހަޅައިފަ އެވެ.

މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޕްރޮކިއުމެންޓާ ގުޅުންހުރި މައްސަލަތަކެވެ. ދެން އެންމެ ގިނައީ ވަޒީފާއާ ގުޅުން ހުރި މައްސަލަތަކެވެ.

އޭސީސީ އިން ހާމަކުރި ގޮތުގައި މިދިޔަ އަހަރަކީ ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދައުވާ ކުރަން އެންމެ ގިނައިން މައްސަލަ ފޮނުވި އަހަރެވެ. އެގޮތުން 22 މައްސަލައެއް ފޮނުވައި އެ އޮފީހުން ހަތަރު މައްސަލައެއް ކޯޓަށް ވަނީ ވައްދައިފަ އެވެ. އެ ކޮމިޝަނުން ކުރި މަސައްކަތުން މި މައްސަލަތަކުން 60 މީހެއްގެ މައްޗަށް 62 ދައުވާ ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު އޭސީސީގައި ނުނިމި 1527 މައްސަލައެއް އެބަ އޮތް ކަމަށް އަހަރީ ރިޕޯޓުން ދައްކަ އެވެ. އޭގެ ތެރެއިން 1080 މައްސަލަ އޮތީ ތަހުގީގު މަރުހަލާގަ އެވެ.

އޭސީސީގެ ރިޕޯޓުން ދައްކާ ގޮތުގައި ދައުވާ ކުރަން ފޮނުވާ ގިނަ މައްސަލަތައް ރިވިއު ކުރުމާއި، މައުލޫމާތު ސާފުކުރަން ޖެހެ އެވެ. އެހެންކަމުން ބައެއް މައްސަލަތައް ޕީޖީ އާއި އެ ކޮމިޝަނާ ދެމެދު އެއް ފަހަރަށްވުރެ ގިނައިން ދައުރުކުރަން ޖެހެ އެވެ.

އެ ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނުމާއި ގުޅިގެން މިވަގުތު ކޮމިޝަންގައި އެއްވެސް މެމްބަރަކު ނެތެވެ.