ދުނިޔެ

ޔުކްރޭންގެ ބޮޑެތި އަވަށްތައް ހިފާނަން: ރަޝިއާ

ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގެ އަމާޒަކީ ބޮޑެތި އަވަށްތައް ރަޝިއާ ކޮންޓްރޯލް ކުރުން ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭންގައި ރަޝިއާ ސިފައިން ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދަނީ ކުރިން ރާވާފައި އޮތް ގޮތަށެވެ. އަދި ބުނީ ވިސްނުމަކީ ބާރު ގަދަ ހަތިޔާރު އެއްފަހަރާ ބޭނުން ކުރުން ނޫން ކަމަށާއި ޔުކްރޭން ސިފައިން ދޭ ހަމަލާތަކަށް ބަލައިގެން ރައްދު ހަމަލާ ދިނުން ކަމަށެވެ.

ކްރެމްލިންގެ ތަރުޖަމަން ދިމިތުރީ ޕެސްކޯފް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ބޮޑެތި އަވަށްތަކަށް ހަމަލާ ދިނުމުގައި އާންމުންނަށް ގެއްލުން އެންމެ ކުޑަވާނެ ގޮތް ބަލައިގެން ކުރިއަށް ދާން ރައީސް ޕޫޓިން އޮތީ އަމުރު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ލަޝްކަރުތައް މަޑުޖެހެން މެދުވެރިވާ ސަބަބަކީ އާންމުންނަށް ބަލަން ޖެހޭތީ ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާ ދެއްވައި ތަރުޖަމާން ވިދާޅުވީ ބޮޑެތި ގިނަ އަވަށްތައް މުޅިން ކޮންޓްރޯލް ނުކުރާނެ ކަމަށާއި އަވަށްތައް ވަށާލައި ރަޝިއާ ސިފައިން މިހާރު ވެސް އެބަ ތިބި ކަމަށެވެ

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ސަރަހައްދުގައި ރަޝިއާގެ އަސްކަރިއްޔާއިން ބާރުގަދަ ރޯލެއް ނުކުޅޭނެ ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ.

ޗައިނާއިން އަސްކަރީ އެހީ ފޯރުކޮށް ދޭން މޮސްކޯ އެދުނު ކަމަށް ބުނާ ބުނުމާ މެދު ޕެސްކޯފް ވިދާޅުވީ ރަޝިއާ އަކީ ގާބިލު ގައުމެއް ކަމަށާއި ޔުކްރޭންގެ ހާލަތު ކޮޅެއްގައި ޖެހުން ލަސްވަނީ އާންމުންނަށް ބަލަން އަމުރެއް އޮތުމުން ކަމަށެވެ.