ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުން މިނިވަންވި ފަހުން ފުރަތަމަ ފަހަރަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ގުޅިފައިވާ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއެއްގެ ކުށް ސާބިތު އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމްކޮށްފައިވަނީ ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކުރީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.
މިނިވަންވި ފަހުން ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވައި އިދިކޮޅު ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އިދިކޮޅު ދެ ޕާޓީގެ ގުޅިފައިވާ ކައުންސިލްގެ ރިޔާސަތުގައި ރައީސް ޔާމީން އިންނަވައިގެން ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމުގައި ވަނީ އިދިކޮޅު ކޯލިޝަން ވަރުގަދަކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.
މީގެތެރޭގައި އިދާރީ ގޮތުން ހިންގުން ހަރުދަނާކުރުމާއި، ގައުމު މިހާރު އޮތް ހާލަތާއި މި ހާލަތުން އަރައިގަތުމަށްޓަކައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި އިދިކޮޅު ޕާޓީގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް ޕަޓީގެ ހަރަކާތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި ކައުންސިލް މެންބަރުން ވާހަކަދައްކަވާފައިވެ އެވެ.
އިދިކޮޅު ގުޅިފައިވާ ކޯލިޝަންގެ ބައްދަލުވުމެއްގެ ރިޔާސަތު ރައީސް ޔާމީން ބަލަހައްޓަވާފައި މިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދައުވާއަކާ ގުޅިގެން ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައި ވަނިކޮށެވެ.