ކްރިމިނަލް ކޯޓް

މޭރީގެ ދަރިފުޅުގެ ބަސް މުހިއްމު، ސައިކޮލޮޖިކަލް ރިޕޯޓު ނުލިބޭ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ދަރިފުޅުގެ ފޮރެންސިކް ސައިކޮލޮޖިކަލް ރިޕޯޓު މުހިއްމު ނަމަވެސް އެ ރިޕޯޓު ނުލިބޭތީ ދައުލަތާއި ދިފާއުގެ ބޮޑު ބަހުސެއް ހިނގައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މޭރީގެ މަރު މައްސަލައިގައި ހަލީމަތު ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ.

މި މައްސަލާގައި އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވެފައި ވަނީ މޭރީ އަދި މި މައްސަލައިގައި މޭރީ މަރާލިކަމުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ، މާވިންގެ ދަރިފުޅުގެ ސައިކޮލޮޖިކަލް ރިޕޯޓު އަދި ނުލިބޭ ކަމަށެވެ. ދަރިފުޅު މިވަގުތު ހުރީ ފިލިޕީންސްގައި ކަމުން އެ ރިޕޯޓު ތައްޔާރުކުރާނީ އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ކަމަށެވެ.

މާވިން ބުނާ ގޮތުގައި މޭރީ މަރުވިއިރު ދަރިފުޅު ހުރީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރިއެއް ތެރޭ ތަޅުލައިގެންނެވެ. ދައުލަތުން ކުރިން ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު އެމީހުންގެ ދަރިފުޅު ގެންގުޅުނީ ލަމްހާ އެވެ. އެހެންކަމުން މި ރިޕޯޓަކީ މުހިއްމު ރިޕޯޓެއް ކަމަށާއި، ކުއްޖާގެ ބަހުން ކުއްޖާއަށް އެ ދުވަހު އެއްވެސް މަންޒަރެއް ފެނުނުކަން ހާމަވެގެން ދާނެ ކަމަށް ނައުފަލް ވިދާޅުވި އެވެ.

އެކަމަކު އެ ރިޕޯޓު ލިބޭން ކިހާ ވަގުތެއް ނަގާނެ ކަން ދައުލަތަށް ނޭނގޭ ކަމަށާއި، ފިލިޕީންސާއި ރާއްޖެއާ ދެމެދު އެއްވެސް މުއާހަދާއެއް ނެތުމާ ގުޅިގެން އަވަސް ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް ނައުފަލް ވިދާޅުވި އެވެ. އެހެންކަމުން ޝަރީއަތް ފަށައިގެން ކުރިއަށްދާއިރު ރިޕޯޓު ލިބިއްޖެނަމަ ހެކީގެ ގޮތުގައި ހުށަހަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ލަމްހާގެ ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ އެ ރިޕޯޓަކީ ދިފާއު ބިނާކުރަން ވަރަށް މުހިއްމު ހެއްކެއް ކަމަށެވެ. އެހެންކަމުން އެ ރިޕޯޓަކީ ދައުވާއަށް ޖަވާބުދާރީވުމަށް ވެސް މުހިންމު އެއްޗެއް ކަމަށް ފާހަގަކުރެއްވި އެވެ.

"މިއީ ކުށް ސާބިތުކުރަން ވެސް އަދި ކުށެއް ނެތްކަން ސާބިތުކުރަން ވެސް މުހިއްމު ހެއްކެއް. ދައުލަތުން މިހާ ފަރުވާކުޑަ ވެގެން ނުވާނެ،" ދިފާއީ ވަކީލް ޝާއިރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެހާ މުހިއްމު ރިޕޯޓެއް ހޯދަން ދައުލަތުން ވަގުތު ނަގާތީ އެކަމާވެސް ދިފާއުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ސަބަބުން ހުރިހާ ފަރާތެއްގެ ވަގުތު ގެއްލޭ ކަމަށާއި ޝަރީއަތް ދިގުލައިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ދެ ފަރާތުން ކުރި ދިގު ބަހުސަށްފަހު ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ އެ ރިޕޯޓަކީ ފަހުން ޝަރީއަތަށް ހުށަހެޅޭނެ ރިޕޯޓެއް ކަމާމެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

މާވިންގެ ފޯނުން އޮރިޔާން މަންޒަރުތަކެއް

ދައުލަތުން ހުށަހަޅާފައިވާ މޯބައިލް ފޮރެންސިކް ދެ ރިޕޯޓެއްގައިވާ އެނެކްސްތަކެއް ސިއްރުކޮށްދިނުމަށް ދައުލަތުން މިއަދު ވަނީ ޝަރީއަތުގައި އެދިފަ އެވެ. އެއީ މާވިންގެ ފޯނުން ފެނިފައިވާ އޮރިޔާން މަންޒަރުތަކެކެވެ. ދައުލަތުގެ ވަކީލް ނައުފަލް ވިދާޅުވީ އެ ބައިތައް ދިފާއަށް ސިއްރުކުރުމަށްފަހު އެ ރިޕޯޓުތައް ހިމެނޭ ދެ ސީޑީ ދިފާއަށް ދެވިދާނެ ކަމަށެވެ.

ދިފާއީ ވަކީލް ޝާއިރު ވިދާޅުވީ ދިފާއުން އެ އޮރިޔާން މަންޒަރުތައް ބެލުން މުހިއްމު ނޫން ކަމަށެވެ. ދިފާއު ބިނާކުރުމަށް ބޭނުންވަނީ އޭގައި ހުރި މެސެޖުތައް ކަމުން، ދައުލަތުން ވިދާޅުވާ ގޮތަށް އެކަން ކުރަން އިއުތިރާޒެއް ނެތް ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ދައުލަތުން އެދުނު ގޮތަށް ހެކި ރައްކާތެރިކޮށްދޭން ނިންމަވާފަ އެވެ.

ދައުލަތުން މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އޭނާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ.

ދިފާއަށް ބޭނުންވާ ބައެއް ލިޔުންތައް ނުލިބޭތީ މިއަދު ވެސް ދައުވާ އިއްވޭ ގޮތެއް ނުވި އެވެ. އެހެންކަމުން ދައުވާ އިއްވުމާއި ޖަވާބުދާރީވުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ.