ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި މައްސަލަވެސް ބަލައި ނުގަނެ ބޭރުކޮށްލައިިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މަގާމުން ވަކިކުރަން އިއްޔެ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލި އިރު އޭނާ މިއަދު މަޖިލީހަށް ހުށެހެޅުއްވީ ބޯހިޔާވަހިކަމާ ގުޅޭ ކުއްލި މައްސަލަ އެކެވެ.
ނަމަވެސް ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ތިން މެމްބަރުން ނެެވެ. ނުފެންނަކަަމށް 25 މެމްބަރުން އަދި ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންވެ އެ މައްސަލައާ މެދު ބަހުސް ކުރަން ފާހެއް ނުވި އެވެ.
ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނީ އެއީ އަސާސީ ހައްގެއް ކަމަށާއި އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނުގައި ވެސް ސާފުކޮށް ބުނެފައިވާ ކަމަށެެވެ.
ޖާބިރު އެ އިޝާރާތްކުރެއްވީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ސަރުކާރުން ނިންމާފައިވާ ނިންމުމަށެެވެ. އިއްޔެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭ ސަރަހައްދުން ގޯތި ދޭނީ މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި ޖެހިގެން މާލޭގައި އުޅޭ ރައްޔިތުންނަށް ލިބިފައިވާ ދަރިންނަށް ކަަމަށެވެ.
ޖާބިރު ވިދާޅުވީ ސަރުކާރުން އެކުލަވާލައިފައިވާ ދަފްތަރުގެ ސިޔާސަތުގެ ސަބަބުން އެތައް ބައެއްގެ ގޯތި ގެދޮރުގެ ހައްގުން މަހުރޫމްވެގެންދާ ކަމަށެވެ. އަދި މާލޭގެ ދަރިއުޅޭ އެތައް ރައްޔިތުންނެއް ދަފުތަރުގައި ޖެހިފައި ނުވާ ކަމަށެވެ.
"ވަކި ކަމެއް ހާސިލްކުރުމަށް ދަފުތަރުގައި ޖެހުން މަޖުބޫރު ކަމަކަށް ވެފައި އޮންނާތީ އެެެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން ނުދާނެހެން ހުރިހާ ރައްޔިތުންނަށް ހަމަ ހަަމަ އުސޫލަކުން ރާއްޖެ ތެރޭ މީހަކަށް މާލޭ މީހެއް ތަފާތުކުރުމެއް ނެތި ބޯހިޔާވަހިކަމުގެ މި ހައްގު ލިބޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތު އެކުލަވާލަން ޖެހޭ" ޖާބިރު ވިދާޅުވި އެވެ.