އަބްދުﷲ ޖާބިރު

ކުލީގެ 70 ޕަސެންޓް ސަރުކާރުން ދިނުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ތެރެއިން ތަނަވަސްކަން ކުޑަ މީހުނަށް ކުލީގެ 70 ޕަސެންޓް ސަރުކާރުން ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، މާލެއަށް ޖަމާ ކުރުމުގެ ސަގާފަތެއް މާ ކުރީއްސުރެން ވެސް އޮތުމުން، މާލޭގައި ދިރިއުޅޭން ގިނަ އަދަދެއްގެ މީހުނަށް މަޖުބޫރު ވެފައިވާ ކަމަށެވެ. ރާއްޖޭގެ ގިނަ މީހުން އުޅެނީ މާލޭގައި ކަމަށްވީއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުންދަނީ ކުއްޔަށް ކަަމަށާއި ކުލީގެ އަގު ވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ކުއްޔަށް އުޅޭ މީހުންނާއި މާލޭގައި ބޯހިޔާވަހިކަމެއް ނުލިބި ތިބި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަކީ ކޮންމެ ރިޔާސީ އިންތިހާބެއްގައި ސިޔާސީ ލީޑަރުން ވާ ވައުދަކަށް ވީ ނަމަވެސް މިހާތަނަށް އައި އެއްވެސް ސަރުކާރަކަށް މި ވައުދެއް ނުފުއްދުނު، މި މައްސަލައަށް ހައްލެއް ގެނެސްދެވިފައެއް ނެތް،" ޖާބިރު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ރިޔާސީ ވައުފުޅެއް ކަން ފާހަގަ ކުރައްވައި، ޖާބިރު ވިދާޅުވީ ސަރުކާރަށް އެ މީހުނަށް ބޯހިޔާވަހިކަން ހަމަޖެހެންދެން ހިނގާ މުއްދަތުގައި މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ކުލީގެ 70 ޕަސެންޓް ދެއްކުމަށް ސަރުކާރަށް ލާޒިމު ކުރަން ގޮވާލައްވާ ކަމަށެވެ.

ޖާބިރުުގެ ގަރާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ތާއީދެއް ނުކުރެއްވި އެވެ. ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، މި ގަރާރުގައި ބުނެފައިވާ ކަމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ގަރާރުގެ ބަހުސް ނިމި، ފަހުސް ބަސް ބުނަން ލިބުނު ފުރުސަތުގައި ޖާބިރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުންނާއި މަޖިލީހުން ރަނގަޅު ފޯމިއުލާއެއް ނެރެން ޖެހޭ ކަމަށެވެ. އަދި ގަރާރުގައިވާ ކަންކަމަށް އަކުރުން އަކުރަށް ތާއީދު ނުކުރެވޭނަމަ، އެންމެނަށް އެއްބަސްވެވޭ ގޮތަށް ބަދަލު ކުރަން ގަރާރު ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ގެންގޮސް ދިރާސާ ކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގަރާރުގެ އިބްތިދާއީ ބަހުސް ނިމުމުން، އެ ގަރާރު ތަޅުމަށް ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ވޯޓަށް އަހާނެ ކަމަށެވެ. މަޖިލީހުގެ ޖަލްސާތަކުގައި ވޯޓަށް އަހަން ޖެހޭ ކަންކަމުގައި ވޯޓަށް އަހަނީ ޖަލްސާ ބާއްވާ ދުވަހެއްގެ މެންދުރު ފަހު 1:30 ގަ އެވެ.