ރައީސް މުހައްމަދު ނަޝީދު

ރަށްރަށުގެ ބަހުސްކޮށްގެން ގައުމަށް ގެއްލުން ބޮޑުވާނެ: ނަޝީދު

ރާއްޖޭގެ އެއް ރަށާއި އަނެއް ރަށާ އަޅާ ކިޔައި ރަށްރަށް ކުޑައިމީސްވާ ގޮތަށް ސިޔާސީ ލީޑަރުން ވާހަކަ ދައްކަވައި ބަހުސް ކުރެއްވުމަކީ ގައުމަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަން ހުޅުވާލުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ބަހުސް އިތުރުވެ ޒުވާބު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވަމުންދާާ ވަރަކަށް، މި ދެބަސްވުން އުފެދުން ގާތްވާނެ. މި މަލޭގައި ބޯހިޔާވަހިކަން ދަތިވެ، މި މާލޭގައި ދިރިއުޅޭ އަދި ދިރިއުޅެން އެދޭ އެންމެނަށް ވެސް ދަތިވަމުން ދިޔަ ވަރަކަށް ވެސް މި ދެބަސްވުމާއި ހަމަނުޖެހުން ދާނީ އިތުރުވަމުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ ބަހުސަށް ބާރު ނޭޅޭ ގޮތަށް އަމަލު ކުރެއްވުމާއި ވާހަކަ ދެއްކެވުމަކީ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެ ކަމަށް ބާރު ލިބޭ ގޮތަށް އެއްވެސް ވާހަކަ އެއް ނުދެއްކެވުމަށް ރައީސް ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

"ސިޔާސީ ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެ ކަމަށް ބާރު ނޭޅުން. އަދި އެއީ އަޅުގަނޑުމެން އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ ޖޯޝް އިތުރުވާނެ ކަމަކަށް ވިޔަސް އެންމެ ރަނގަޅު ގޮތަކީ އެ ކަންކަމުގެ ތެރެއަށް ނުވަނުން. އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ މި ރާއްޖޭގެ ހާލަތާއި ހަމައިން ނެއްޓޭނެ ހާލަތު އެނގޭ." ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ވަކި ރަށެއްގެ މީހަކަށް ވީތީ ވަކި ތަނަކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި އަދި އެއްވެސް ގާނޫނެއްގައި ލާޒިމުކޮށް ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުން ލާޒިމު ކުރަނީ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުނަށް އެ ކަމެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވެފައިވާއިރު، ރާއްޖޭގެ އެހެން ރަށްރަށުން ނުވަތަ ބިމުގެ ޖާގަ ހުރި ރަށްރަށުން އެ ފުރުސަތު ދެވޭ ގޮތަށް އޮވެއްޖެނަމަ އެ ކަމަށް އެދޭ މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން މަދު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި 7000 ފްލެޓް ދޫކޮށްފައި ވަނީ ރާއްޖޭގެ އެންމެން ވެސް އެއަށް ކުރިމަތިލެވޭ ގޮތަށް، އަދި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މާލެ މީހުނަށް އެހެން ރަށްރަށުން ބިން ދެވޭ ގޮތަށް އޮންނަނަމަ އެ މީހުން އެ ފުރުސަތުގެ ބޭނުން ހިފާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރަށްރަށުގެ ބަހުސް ކޮށްގެން ގައުމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މާލެއަށް ދިމާވެގެން މި އުޅެނީ ފަލަސްތީނަށް ދިމާވެގެން އުޅޭ ކަމެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެފައިވަނިކޮށެވެ.

ޓީވީ ޕްރޮގްރާމެއްގައި އަނދުން ހުސައިން ދެއްކެވި ވާހަކައާ ގުޅިގެން މަޖިލީހުގެ އެހެން ބައެއް މެންބަރުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަނދުންގެ ވާހަކައަށް ރައްދު ދެއްވި މެންބަރުންގެ ތެރޭގައި މަޖިލީހުގައި އަތޮޅުތެރެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ ކުރިން ވެސް، މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވި ބޯހިޔާވަހިކަމުގެ ގަރާރުތަކަށް މަޖިލީހުން ބަހުސް ކުރެއްވިއިރުގައި ވެސް މާލެ ދާއިރާތަކުގެ ބައެއް މެންބަރުންނާއި އަތޮޅުތެރެ ދާއިރާތަކުގެ ބައެއް މެންބަރުންނާ ދެމެދު ވަނީ މި ބަހުސް ކުރެވިފަ އެވެ. އެ ބަހުސް އޭރު ފެށިގެން ދިޔައީ ހުޅުމާލޭން ހަމައެކަނި މާލެ މީހުނަށް ބޯހިޔާވަހިކަން ދޭން މާލެ ދާއިރާތަކުގެ ބައެއް މެންބަރުން ވިދާޅުވުމާ ގުޅިގެންނެވެ.