ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ރަށަށް ބަދަލުވާން ޖެހޭ ވާހަކަ ނަޝީދު ދިފާއު ކުރައްވައިފި

މާލޭގައި ބޮޑު އަގުގައި ކުލި ދައްކަމުންދާ ރަށްރަށުގެ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ވަރަށް ހާލުގައި ތިބި މީހުން ރަށަށް ބަދަލު ވުމަށް ގޮވާލައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ދެއްކެވި ވާހަކަ ދިފާއު ކުރައްވައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު، މި ހަފުތާގެ ޖަލްސާތަކުގައި މަސައްކަތް ކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވާތީ ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލައިގެ މަސައްކަތެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި އެ މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު އީސަ ވިދާޅުވީ އިގްތިސާދު ދަށްވެފައިވާ ހާލަތުގައި ގިނަ ބައެއްގެ ވަޒީފާތައް ގެއްލެމުންދާތީ މާލޭގައި ކުއްޔަށް އުޅޭ މީހުނަށް ކުލި ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން އަމިއްލަ ރަށަށް ބަދަލު ވާން އީސަ ގޮވާލެއްވި އެވެ.

އީސަ ދެއްކި ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވި އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ހިޔާލު ފާޅު ކުރި ގިނަ މީހުން ފާހަގަ ކޮށްފައިވާ ގޮތުގައި، އެ ވާހަކައަކީ ނިކަމެތި ހާލުގައި ތިބި މީހުން އިތުރަށް ނިކަމެތިވާނެ ކަމެކެވެ. މާލޭގައި އުޅޭ ރަށްރަށުގެ ބައެއް މީހުން އުޅޭނެ ގެދޮރެއް އަމިއްލަ ރަށުގައި ނެތްއިރު، ކުރާނެ މަސައްކަތެއް ނެތް ކަން ވެސް ހިޔާލު ފާޅުކުރި ބައެއް މީހުން ފާހަގަ ކޮށްފައިވެ އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލާގައި މެންބަރު ބޭނުން ކުރެއްވި ބަސްތައް ފަހަރެއްގައި އެންމެ އެކަށީގެން ނުވާ ކަމަށާއި އެކަމަކު މެންބަރު ފާހަގަ ކުރެއްވި ނުކުތާ ރަނގަޅު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ގަބޫލު ކުރަން ދަތި ތެދު ހަގީގަތް ސިޔާސީ ލީޑަރުން ހާމަ ކުރައްވަން ޖެހޭނެ އެވެ. އެ ފަދަ ހަގީގަތްތައް ހާމަ ކުރުމުން ބައެއް އާންމުންގެ ނުރުހުން ވެސް އަމާޒުވާ ކަމަށާއި ނަމަވެސް އެ ކަން އޮންނަނީ އެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކެނދިކުޅުދޫ ދާއިރާގެ މެންބަރު [އީސަ] އެއީ އާންމުކޮށް ސާފު ބަހުން އެފަދަ ހަގީގަތް ވިދާޅުވާ ބޭފުޅެއް. މެންބަރު ހުންނެވީ ކެނދިކުޅުދޫގައި. އަޅުގަނޑާ ގުޅުއްވި. ވިދާޅުވި މި ރަށުގައި ސޫފި ލަނޑާ ހައްދާ ޕްރޮގްރާމެއް ފެށިއޭ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި. މިހާރު ވެސް ހައްދަންވީއޭ. ކެނދިކުޅުދޫ މަރުދަސާ ރަނގަޅޭ. ގެތައް ތަނަވަހޭ." އީސަގެ ވާހަކަ ދިފާއު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މާލެއަކީ "ޓައިމް ބޮމެއް" ކަމަށެވެ. ރޯގާ ވެސް ފެތުރިއްޖެނަމަ ކޮންޓްރޯލް ނުކުރެވޭ ވަރަށް މާލެ ތޮއްޖެހިފައިވާއިރު، މި ކަމުން ރައްކާތެރި ވުމަށްޓަކައި މާލެއަށް ލުއި ދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލެއަކީ ޓައިމް ބޮމެއް، ރޯގާގެ ވެސް ޓައިމް ބޮމެއް، މި ރޯގާއަށް ޓަކައި ވެސް މާލެ ލުއި ކުރަން ޖެހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދިމާވެގެން އުޅޭ ހާލަތަކީ ދަތި އުނދަގޫ ހާލަތެއް ކަމަށެވެ. އެ ކަމުން އަރައިގަތުމަށް ޓަކައި ހާލުގައި ދިރިއުޅެމުންދާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ގޮތެއް ހޯދައި ދިނުމަށް ރީޕެޓްރިއޭޝަން ޕްރޮގްރާމެއް ހިންގަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ގޮތުން ސަރުކާރުން އެފަދަ ފަރާތްތަކަށް ދޭ ފައިސާއަކީ ވެސް އިގްތިސާދީ ހަރަކާތެއް ވެސް ހިނގޭ ގޮތަށް ވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރިސޯޓުގައި މަސައްކަތް ކުރާ މީހަކު މި ބުނަނީ ވަޒީފާ ގެއްލިއްޖެއޭ. ބުނަނީ އާއިލާ އެންމެން ދިރިއުޅެނީ މާލޭގައި ކުއްޔަށޭ. ވަޒީފާ ގެއްލުނީމަ ކުލި ދެއްކޭނެ ގޮތެއް ނެތޭ، އޭނާއަށް އެއްޗެއް ދޭން ޖެހޭ، އެ ދެވޭ އެއްޗެއް އެއީ އޭނާ އެއްޗެއް އުފައްދަން ދޭ އެއްޗެއް، އެ ގޮތަށް ވާން ޖެހޭ،" މިސާލު ދައްކަމުން ރައީސް ނަޝީދުގެ ނުކުތާ ތަފުސީލު ކޮށްދެއްވި އެވެ.