މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ތެރެއިން ތަނަވަސްކަން ކުޑަ މީހުނަށް ކުލީގެ 70 ޕަސެންޓް ސަރުކާރުން ދޭން ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގަނެ ތަޅުމުން ބޭރުކޮޅުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ތަޅުމަށް ބަލައިނުގަނެ ބޭރުކޮށްލަން ފާސްވީ 65 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ވަނީ ގަރާރުގައިވާ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، މި ގަރާރުގައި ބުނެފައިވާ ކަމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ގަރާރަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގާ ވާހަކަތައް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ، ބޯހިޔާވަހިކަމާއި ކުލީގެ މައްސަލަ ހައްލު ކުރަން ސަރުކާރުންނާއި މަޖިލީހުން ރަނގަޅު ފޯމިއުލާއެއް ނެރެން ޖެހޭ ކަމަށެވެ. އަދި ގަރާރުގައިވާ ކަންކަން އަކުރުން އަކުރަށް ތާއީދު ނުކުރެވޭނަމަ، އެންމެނަށް އެއްބަސްވެވޭ ގޮތެއް ހޯދަން ކޮމިޓީއަށް ގަރާރު ގެންދަން ޖާބިރު އެދިވަޑައިގެންނެވި އެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރު ތަޅުމުން ބޭރުކޮށްލާފައިވާއިރު، ސަރުކާރުގެ ފަރާތުން ހުށަހެޅި ދެ ބިލެއް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ. އެއީ ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދު ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ބިލް އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރީގައި ވާދަވެރިކަން އުފެއްދުމުގެ ބިލެވެ.
ފެނާއި ނަރުދަމާގެ ބިލް ދިރާސާ ކުރަން މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވާފައިވާއިރު، ވިޔަފާރީގައި ވާދަވެރިކަން އުފެއްދުމުގެ ބިލް ދިރާސާ ކުރަން ވަނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފަ އެވެ.