ފަނޑިޔާރުކަން ކުރަންވާނީ އަމިއްލަ މަންފާ އަށް ކުރާ ކަމަކަށް ވުރެ ބޮޑަށް އެކަމަކީ މީހުންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށް ދެކިގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ މެންބަރު އައިޝާ ޝުޖޫން ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ދެ ގާޒީން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖޫން ވިދާޅުވީ ފަނޑިޔާރުން ކުރަނީ ބުރަ ބޮޑު އަދި އެތައް ބައެއްގެ ހައްގުތަކާ ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެއީ އަމިއްލަ މަންފާ އަށް ކުރައްވާ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަތުމަށް އެދިވަޑައިގެންނެވި އެވެ.
ޝުޖޫން ވިދާޅުވީ ފަނޑިޔާރުންނަށް ކަންކަން ކުރެއްވޭ ގޮތުން މީހުންގެ އިހްތިރާމާއި އިތުބާރު ލިބޭ ފަދައިން ހިތްހަމަނުޖެހުމާ ބަދު ބަސްތައް ވެސް އަމާޒުވާނެ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު ފަރުވާތެރިކަމާ އެކު އަދާކުރެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.
"[މަސައްކަތް ކުރަންވީ] ވަކި މީހަކަށް ވުމުން ވަކި ގޮތެއް ހެދުމަކާ ނުލާއި، ހަމަހަމަކަމާ އެކު،" ރާއްޖޭގެ ފުރަތަމަ އަންހެން ފަނޑިޔާރު ވިދާޅުވި އެވެ.
ޝުޖޫން ވިދާޅުވީ ފަނޑިޔާރުން މައްސަލަތައް ނިންމަންވާނީ އެ މައްސަލައަކާ ގުޅިގެން ހުށަހެޅޭ ލިޔުންތަކާއި ހެއްކާއި ގަރީނާ އަދި ގާނޫނީ ސަބަބުތައް ބަލައި ވަޒަންކުރެއްވުށްފަހު ކަމަށެވެ. އޭގެބަދަލުގައި ފަނޑިޔާރުންނަށް ލިބޭ މައުލޫމާތާއި އަމިއްލަ ބުއްދިއަށް ވިސްނޭ ގޮތެއްގެ މައްޗަށް އަމަލުނުކުރެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ވަކީލުން މައްސަލަ ތަކުގައި ވިސްނާ ގޮތާއި ފަނޑިޔާރުންގެ ވިސްނުން ހުންނަ ގޮތް ތަފާތުވާނެ ކަމަށް ފާހަގަކުރައްވާ ޝުޖޫން ވިދާޅުވީ ފަނޑިޔާރުން، އެ ބޭފުޅުންގެ އަމަލުތަކާއި ވިސްނުންތައް ވަކި ގޮތަކަށް ބަހައްޓަވަން ވާނެ ކަމަށެވެ. ބައެއް ބޭފުޅުން ފަނޑިޔާރުންގެ މަސްއޫލިއްޔަތާ ހަވާލުވާއިރު އެންމެ ފުރިހަމައަށް ތައްޔާރުވެފައި ނުތިއްބަވާ ކަމަށާއި ފަނޑިޔާރުންނަށް އެހީތެރިވެ ދެއްވަން ތިއްބެވި ކަމުގައިވެސް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވެސް ބައިވެރިވެވަޑައިގެންނެވި މިއަދުގެ ރަސްމިއްޔާތުގައި ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެއްވީ ސ. ފޭދޫ، ފިތިރޯނުގެ، ޒުލައިހާ ޝީޒާ އާއި ގއ. މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް އެވެ.