ހަބަރު

ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހުވާލައިދެއްވައިފި

ގާނޫނު އަސާސީގައި ބަޔާން ކުރާ ހުވާއެއް އަންހެން ބޭފުޅަކު ފުރަތަމަ ފަހަރަށް ލައިދެއްވައިފި އެވެ. މިއަދު ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ސުޖޫން އެވެ.

ފަނޑިޔާރު ސުޖޫން ހުވާލައިދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ހައިކޯޓުގެ ފަރާތުން ކަނޑައެޅި އެ ކޯޓުގެ ފަނޑިޔާރު އަލީ ސަމީރަށެވެ.

އާންމު ގޮތެއްގައި ގާނޫނު އަސާސީގައި ބަޔާން ކުރާ މަގާމުތަކުގެ ހުވާލައިދެއްވަނީ އުއްތަމަ ފަނޑިޔާރު ނުވަތަ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

ސުޕްރީމް ކޯޓަށް އަންހެން ބޭފުޅުން ފުރަތަމަ ފަހަރަށް އައްޔަން ކުރެއްވީ މި ސަރުކާރުގަ އެވެ. އެއީ ފަނޑިޔާރު ސުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ މިހާރު ހުންނެވީ ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލުވެވަޑައިގެންނެވެ. މިއީ ވެސް ސުޕްރީމް ކޯޓުގެ ހިންގުމާ އަންހެން ބޭފުޅަކު ހަވާލުވެ ހުންނެވި ފުރަަތަމަ ފަހަރެވެ.

މީގެއިތުރުން ޖޭއެސްސީގެ ރައީސްގެ މަގާމުގައި ވެސް މި ވަގުތު ހުންނެވީ އަންހެން ބޭފުޅެކެވެ. އެއީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންނެވެ. ހިސާންއަކީ ޖޭއެސްސީގެ ފުރަތަމަ އަންހެން ރައީސް އެވެ.