މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރަން ސިންގަޕޫރާއެކު އެއްބަސްވުމަކަށް

Mar 15, 2022

ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސިންގަޕޫރު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަން އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުފަތުރުގެ ދާއިރާގައި އިތުރަށް ގުޅުން ވަރުގަދަ ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ވައިގެ ދަތުުރުފަތުރާ ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާ އިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖުކުރުމުގައި އެހީތެރިކަން ލިބޭނެ އެވެ. އަދި މަތިންދާ ބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި، ވައިގެ ދަތުުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުމުގައި ވެސް އެހީތެރިކަން ލިބިގެންދާނެ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ނަހްލާ ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުން ވެސް އަހައްމިއްޔަތުކަން ދޭކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިސްވަރަން ވިދާޅުވީ ރާއްޖެއަކީ ސިންގަޕޫރާ ވަރަށް ގާތްގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމާ ގުޅިގެން ދަތުރުފަތުރުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.