ބައިނަލް އަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ނަހުލާ ވިދާޅުވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި މި މައްސަލަ އަށް ހައްލު ހޯދައިދިނުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަހުލާ ވިދާޅުވީ ބައިނަލްއަގުވަމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ އައިކާއޯއިން 2009 ވަނަ އަހަރު ފަށާފައިވާ "ނެކްސްޓް ޖެނެރޭޝަން އޮފް އޭވިއޭޝަން ޕްރޮފެޝަނަލްސް" ޕްރޮގްރާމް މިފަދަ ކަންކަމަށް ހައްލު ހޯދައިދިނުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ވެސް މިފަދަ މައްސަލަ ދިމާވެފައިވާ ކަމަށާއި މި ދިމާވެފައިވާ ގޮންޖެހުން ހައްލުކުރުމަށް ސްކޮލާޝިޕް ތައާރަފް ކުރާނެ ކަމަށް ނިމިދިޔަ އަހަރު އިއުލާންކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިއަށް ގެންދިޔަ އޭވިއޭޓާސް ނެކްސްޓް ޖެން ޕްރޮގްރާމްގައި ސްކޮލާޝިޕް ހާސިލު ކުރާ ފުރަތަމަ ބެޗްގެ ދަރިވަރުންނަށް މި އަހަރުގެ "އޭވިއޭޝަން ނައިޓް" ގައި އެކަމުގެ ލިޔުން ހަވާލު ކުރެވޭނޭކަމަށް ނަހުލާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ހިތޯބުގައި ނަހުލާ ވިދާޅުވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނެސް އޭވިއޭޝަން އެކްސިޑެންޓްތައް ތަހުގީގުކުރަން މުއައްސަސާއެއް އުފައްދަން ނިންމަވާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ފަސިންޖަރުންގެ ހައްގުތަކުގެ ގާނޫނެއްވެސް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތާނގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އޮތީ ފާގަތި ދުވަސްތައް ކަމަށެވެ.