މަންތާ އެއާ

ސީޕްލޭނެއް ވެއްޓި ބައެއް މީހުނަށް އަނިޔާ ވެއްޖެ

Feb 14, 2021
2

ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތްދޭ މަންޓާ އެއާގެ ސީޕްލޭނެއް ވެއްޓި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

މަންޓާ އެއާގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ހެނދުނު ޖައްސަން އުޅެނިކޮށް ވެއްޓުނު ސީޕްލޭންއިން ދަތުރު ކުރި ބައެއް ޓޫރިސްޓުންނަށް ކުދިކުދި އަނިޔާތައް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ބޯޓުން ދަތުރުކުރި އެކެއްގެ ކޮނޑުހުޅު ނެއްޓި ބޮޑު އަނިޔާއެއް ވެފައި ވެއެވެ.

"މައިނާ އެންޖަރީތަކެއް ވެފައިވަނީ. ސީރިއަސް އަނިޔާއެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ބޯޓު ވެއްޓުނު އިރު ހަ ޓޫރިސްޓުންނާއި ދެ ކުރޫން ތިއްބެވެ. ބޯޓު ވެއްޓިފައި ވަނީ ހުޅުލޭގައި ސީޕްލޭން ޖައްސާ ތަނަށް ތިރި ކުރަނިކޮށް މިއަދު ހެނދުނު 7:30 އެހާކަންހާއިރު އެވެ.

އަވަސް އަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ވެއްޓުނު ސީޕްލޭން މިހާރުވަނީ އަޑިއަށް ގޮސްފަ އެވެ. އަދި ސީޕްލޭންގެ ކަނދު ފެންމަތީގައި ފެންނަން އޮތެވެ. ސިފައިން ދަނީ ސީޕްލޭނުން ދަތުރުކުރި އެންމެން ހޮސްޕިޓަލަށް ގެންގޮސް މެޑިކަލް ހެދުމުގެ މަސައްކަތާއި ލަގެޖްތައް ނަގައި ރިކަވާ ކުރުމުގެ ކަންކަން ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ އެކްސިޑެންޓެއް ހިނގާފައި ވަނީ އޮކްޓޫބަރު 22، 2020 ގައެވެ. އެ ދުވަހު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޯޓެއް މ. މެދުފުށި ރިސޯޓް ކައިރިން އެކްސިޑެންޓްވި އެވެ. އެ ބޯޓުގެ ދަތުރުމަތީ 14 ފަސެންޖަރުންނާއި، ކްރޫން ތިބި ނަމަވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެކަމަކު ފެބުރުއަރީ 24، 2020 ގައި ޓީއެމްއޭ ގެ ބޯޓެއް އެކްސިޑެންޓުވެ ބައެއް މީހުނަށް އަނިޔާވެފައި ވެއެވެ. އެ އެކްސިޑެންޓުވެފައި ވަނީ ޅ. އަތޮޅުގެ ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިންނެވެ. އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބި މީހުންނަށް ކުދިކުދި އަނިޔާވި އެވެ.