މަސްތުވާތަކެތި

ބާރަ ކިލޯ ޑްރަގް ގެނައި މީހުން ބަންދަށް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތިން 12 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި ބަންގާޅު މީހަކާއި އިންޑިއާ މީހެކެވެ.

ދިވެހި މީހާ އާއި ބަންގާޅު މީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ. 37 އަހަރުގެ އިންޑިއާ މީހާ ހައްޔަރު ކުރީ ކަނޑުމަތީންނެވެ. މި މީހާ އަކީ މީގެ ކުރިން ވެސް ޑްރަގް މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދިވެހި މީހާގެ ބަންދަށް 10 ދުވަސް އަދި ދެ ބިދޭސީންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.