ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުމްރާ ދަތުރު

އުމްރާއަށްދާ މީހުން ބޫސްޓާ ޖެހުން މުހިންމު

އުމްރާގެ އަޅުކަމަށް ސައުދީއަށް ދާ މީހުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒްގެ އިތުރުން ބޫސްޓާ ޑޯޒް ޖެހުން މުހިންމު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އުމްރާއަށް ދާ މީހުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ފަހު ހަ މަސް ފުރިހަމަ ވެފައިވާނަމަ ފުރަން ހަމަޖެހިފައިވާ ތާރީހުގެ ދެ ހަފްތާ ކުރީން ބޫސްޓާ ޑޯޒް ޖެހުމަށެވެ. ހާއްސަކޮށް ރޯދަ މަހު އުމްރާއަށް ދާ މީހުން އެކަމަށް ސަމާލު ވުމަށް އެދިފައިވެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ކަނޑައަޅާފައިވާ މުއްދަތުގައި ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާއަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން ވަނީ އުސޫލު ހަރުކަށި ކޮށްފައެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު 8 މަސް ދުވަސްވުމުން ބޫސްޓާ ޑޯޒް ދަނީ ޖަހަމުންނެވެ. ބޫސްޓާ ޑޯޒް ޖެހުމުން ކޮވިޑުން ރައްކާތެރިވުމަށް ބޮޑު ބާރަކަށްވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ސައުދީގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަދި ހައްޖާއި އުމްރާއަށް އެތެރެވާ މީހުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށް އެ ގައުމުގެ ސަރުކާރުން ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެންމެ ފަހުން ގެނައި ބަދަލު ބުނާ ގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން އެ ގައުމަށް އެތެރެވެނީ ވެކްސިން ޖެހިތާ 8 މަސް ދުވަސް ނުވާ މީހުންނަށެވެ. އެ މުއްދަތަށް ފަހު އެތެރެވެވޭނީ ބޫސްޓާ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަންޏެވެ.

އެ ގޮތަށް ހަމަޖައްސާފައިވަނީ ކޮވިޑާއި ގުޅިގެން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ދެވަނަ ޑޯޒް ފުރިހަމަކޮށް 8 މަސް ދުވަސް ވަންދެން ވެކްސިންގެ ފުރިހަމަ އަސަރު ހަށިގަނޑަށް ކުރެއެވެ. އެކަމުގެ ސަބަބުން ކޮވިޑް ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކޮށް ދެއެވެ. ނަމަވެސް އޭގެ ފަހުން ބޫސްޓާ ޑޯޒް ނުޖަހާނަމަ އަލުން ކޮވިޑަށް ޕޮޒިޓިވްވުމުގެ ފުރުސަތު ފަހިވެއެވެ.

ރާއްޖޭގައިވެސް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދަނީ ޖަހަމުންނެވެ. މިހާތަނަށް 143،000 ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.