މިހާރު ކުރިއަށްދާ ސާފް ސާފް ސުޒްކީ ކަޕްގައި މިއަދު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗްގައި ލަންކާގެ މައްޗަށް އިންޑިއާ އިން ކުރި ހޯދައި މުބާރާތުގެ ސެމީއާ ކައިރިއަށް ޖެހިލައިފި އެވެ.
މި މުބާރާތުގައި އިންޑިއާ ބައްދަލު ކުރި ފުރަތަމަ މެޗުން 3 - 0 އިން އިންޑިއާ މޮޅުވުމާ އެކު އެ ގައުމު ތިން ޕޮއިންޓާ އެކު ގޯލްގެ ފައިދާ އިން މި ވަނީ ގްރޫޕްގެ އެއްވަނަ އަށް ގޮސްފަ އެވެ. އަދި ދެވަނައިގައި މި އޮތީ ސްރީލަންކާ އެވެ. އިންޑިއާ ދެން ކުޅޭނީ ނޭޕާލް އާ އެވެ. އެ މެޗުން އެއްވަރު ވިޔަސް އިންޑިއާ އަށް ސެމީ ފައިނަލަށް ދަތުރު ކުރެވޭނެ އެވެ.
ސްރީލަންކާ އަށް މި މެޗްގައި މާ ގިނަ ފުރުސަތުތަކެއް ނުލިބި މުޅި މެޗްގައި ވެސް ކުޅުނީ އިންޑިއާ އިންނެވެ. ހަތަރު ޑިފެންޑަރުންނާއި ހަތަރު މިޑް ފީލްޑަރުން އަދި ދެ ފޯވާޑުން ލައިގެން އިންޑިއާ އިން ކުޅެމުން ދިޔަ މި މެޗްގެ ފުރަތަމަ ގޯލް 51 ވަނަ މިނެޓްގައި ޖަހައިދިނީ، އެ ގައުމުގެ މަޝްހޫރު ފޯވާޑް ރޮބިން ސިންހް އެވެ. އެ ގޯލް ޖެހީ އިންޑިއާގެ ކުޅަދާނަ، ކެޕްޓަން ސުނިލް ޗެތްރީ ނަގައިދިން ބޯޅައަކުންނެވެ.
އިންޑިއާގެ ކަނާތުން ވަރަށް ރަނގަޅަށް ކުޅެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ލަންކާގެ ޑިފެންސްގެ އުނދަގުލާ ހެދި އެ ބޯޅަތައް ކާމިޔާބު ކަމާ އެކު ނިންމާލެވޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް ވާތު ފަޅިން އުފެއްދި ގިނަ ހަމަލާތައް އިންޑިއާއިން ގޯލަށް އަމާޒު ކުރަމުން ދިޔަ އެވެ. ނަތީޖާ އަކަށްވީ، ސްރީލަންކާގެ މުޅި ޑިފެންސް ޕްރެޝަރަށް ވެއްޓި އިންޑިއާގެ ވަރުގަދަ ހަމަލާތަކެއް ފުލުފުލުގައި ލަންކާގެ ގޯލަށް އަމާޒުވުމެވެ.
އެގޮތުން މެޗްގެ 73 ވަނަ މިނެޓްގައި ފޯވާޑް، ރޮބިން ސިންހް ގޯލަށް އަމާޒު ކުރި ވަރުގަދަ ހަމަލާ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ސްރީލަންކާގެ ޑިފެންޑަރު އަލަވުއްދީންގެ ފައިގައި ޖެހި އިތުރު ގޯލެއް އިންޑިއާއަށް ލިބިގެން އައެވެ.
މި މެޗްގައި ލަންކާގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެން ދިޔަ އެވެ. އެ ފައުލްތަކާ ހުރެ ލަންކާގެ ދެ ކުޅުންތެރިއަކަށް ރީދޫ ކާޑު ދެއްކި އެވެ. އަދި އިންޑިއާގެ ކުޅަދާނަ ފޯވަޑް އިންޖަރީވެ ބާލަން ވެސް ޖެހުނެވެ. އަދި ލަންކާގެ ކުޅުންތެރި އަކު ވެސް އިންޖަރީގެ ސަބަބުން ބާލަން ޖެހުނެވެ. އިންޑިއާގެ ނުރައްކާތެރި ހަމަލާތައް ހިފެހެއްޓުމުގައި ލަންކާގެ ކީޕަރުގެ ކުޅަދާނަ ސޭވްތަކެއް ފެނިގެން ދިޔަ އެވެ.
މުބާރާތުގައި މާދަމާ ދެން އޮންނާނީ ގްރޫޕްގައި ބީގައި ރާއްޖެ - ބަގްލަދޭޝަން ބައްދަލު ކުރާ މެޗެވެ. އެ މެޗް ކުޅޭނީ ހަވީރު 3:00 ގަ އެވެ. އަދި މާދަމާ އިރުއޮއްސި 6:00 ގައި ބައްދަލު ކުރާނީ އަފްގާނިސްތާނާއި ބޫޓާން އެވެ. އިންޑިއާ ދެން ބައްދަލު ކުރާ މެޗް އޮންނާނީ ނޭޕާލްއާ އެކު މި މަހުގެ 27 ވަނަ ދުވަހު އެވެ.