މުހައްމަދު އަސްލަމް

ހަ އެއާޕޯޓްގެ ތެރެއިން ދެ އެއާޕޯޓް މިއަހަރު ނިންމަނީ

ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި އަޅަން މިދިޔަ ޑިސެމްބަރު މަހު އިއުލާންކުރި ހަ އެއާޕޯޓްގެ ތެރެއިން މި އަހަރު ދެ އެއާޕޯޓްއެއް އަޅައި ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ހަސަން އަފީފް އެއްސެވީ ހަ އެއާޕޯޓް އެޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރިތާ ގިނަދުވަސްތަކެއް ވެފައިވާއިރު އެ މަސައްކަތް ހަވާލުކުރެވޭނެ ތާރިހަކީ ކޮބައިތޯ އެވެ.

އެ ސުވާލަަށް ޖަވާބު ދެއްވައި ހަސަން އަފީފް ވިދާޅުވީ ހަ އެއާޕޯޓް އެޅުމަށް ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެގްރިމަންޓަކާ ހަމައަށް ނުދާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަން އިއުލާންކުރި ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރޭގައި ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫ އަދި ރަ އަތޮޅު ދެކުނު ބިތުގައި އަޅަން ނިންމި އެއާޕޯޓް ހިމެނެ އެވެ.

މީގެ ތެރެއިން މަގޫދޫގައި އެއާަޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތުގައި ސޮއިކޮށްފައިވާ ކަމަށް އަސްލަމް މިއަދު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެއާޕޯޓްތައް އަޅަން އެގްރިމަންޓްތަކުގައި ސޮއި އަދި ނުކުރެވުނު ނަމަވެސް ސަރުކާރުގެ ބަޖެޓުން ކުރެވުނު މިންވަރަކުން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި ދެ އެއާޕޯޓެއްް ހުޅުވައި އަންނަ އަހަރު ނިމުމުގެ ކުރިން މަގޫދުގެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފައިފައިވާ ކަަމަށެވެ.

"އިއުލާންކޮށްފައި އޮތް ހަ އެއަޕޯޓް އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނަން އެއް މޮޑެލުން ފެއިލް ވެއްޖިއްޔާ އަނެއް މޮޑެލަށް ގެންގޮސް. އެެހެންވީމާ މިހާރު މި އައިސްފައި އޮތް ޕްރޮޕޮސަލްތަކުން އެގްރިމަންޓަކާ ހަމައަށް އާދެވުނީމަ އަޅުގަނޑަށް ދަންނަވަން އެނގޭނީ ކިހާ ތާކުކަން ވިލުފުއްޓަށް ދާނި. " އަސްލަމް ވިދާޅުވި އެވެ.