އެމެރިކާ އިން ރާއްޖެއަށް އެހީ ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިތުރު ތިން މިލިއަން ޑޮލަރު ނުވަތަ 46.3 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފި އެވެ.
އެމެރިކާ އިން އިން ފަހުން ދޭން ނިންމި ތިން މިލިއަން ޑޮލަރާ އެކު ދެ ގައުމުގެ ދެމެދުގައި މާޗް 12، 2019ގައި އެހީ ދިނުމަށް ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދޫކުރާ އެހީގެ ޖުމްލަ 25 މިލިއަން ޑޮލަރު ނުވަތަ 386.3 މިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
ރާއްޖެއަށް އެހީގެ ގޮތުގައި އިތުރަށް ދޭން ނިންމި 3.2 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމެރިކާ އިން ދޭ އެހީގެ ކަންކަން ބަލަހައްޓާ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް -- ޔޫއެސްއެއިޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިޝަން ޑިރެކްޓަރު ރީޑް އެލްޒިމަން އެވެ.
ރާއްޖެ އަށް ދޫކުރަން ނިންމީ ތިން މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ރޮނގުން ރާއްޖެއަށް އެހީވުމަށެވެ.
އެމެރިކާ އިން ރާއްޖެއަށް އެހީ ދިނުމަށް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށާއި، ރާއްޖޭގެ މާލީ ކަންކަން ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެހީވާނެ އެވެ.