ފޮރިން މިނިސްޓްރީ

ޔޫއެސްއެއިޑާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

އެމެރިކާގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި ގުޅިގެން މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު މި މަޝްވަރާ ކުރައްވާފައިވަނީ އޭނާ އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާއާ އެކު ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައެވެ.

އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޔޫއެސްއެއިޑުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރުއަދާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް މަޝްވަރާ ކުރައްވާފަ އެވެ.

ޔޫއެސްއެއިޑަކީ އެމެެރިކާ އިން އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާ ސަރުކާރުގެ އޭޖެންސީ އެކެވެ.

މިނިސްޓަރު ޒަމީރުގެ މިދަތުރުފުޅުގައި އދގެ މައި މަރުކަޒު ހުންނަ ނިއުޔޯކަށް ވަޑައިގެން އދގެ ސެކްރެޓަރީ ޖެނަރަލް -- އެންޓޯނިއޯ ގުޓަރޭޒްއާއި އދގެ އިކޮނޮމިކް އަދި ސޯޝަލް އެފެއާޒްގެ އަންޑާ-ސެކްރެޓަރީ-ޖެނެރަލް، ލީ ޖުންހުއާ ވެސް ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން އެމެރިކާގެ ފޮރިން ރިލޭޝަންސް ކައުންސިލްގައި ކުރިއަށްދާ މަޝްވަރާތަކެއްގައިވެސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ނިއު ޔޯކާއި ނިއު ޖާޒީ އަދި ވޮޝިންގްޓަންގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.