ޕޮލިޓިކްސް

އެމްޑީޕީ އާއި ޕީޕީއެމްގެ ތާއީދު އެއްވަރު

ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށްވެސް ތާއީދު އޮންނަނީ ދާދި އެއް މިންވަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން" މި ނަމުގައި ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުގައި އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓަކީ މޮޅުވާ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައެޅުން ބޭނުންތެރި ކަމަށާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުކުރާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ތިން ފަހަރަށް ރިޔާސީ އިންތިހާބު ބޭއްވިފައިވާއިރު އާންމު ހަމައެއްގެ ގޮތުގައި ފެނުނީ ދެވަނައަށް އެންމެ ގިނަ ވޯޓް ހޯދާ ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ތަން ކަމަށެވެ.

2008 ވަނަ އަހަރު އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ރައީސް މައުމޫނަށް ކަމަށާ ނަމަވެސް ދެވަނަ ބުރުގައި އެހެން ހުރިހާ ޕާޓީތައް އެމަނިކުފާނާ ދެކޮޅަށް ނިކުންނަވާ ރައީސް މައުމޫން ބަލި ކުރެއްވި ކަމަށެވެ.

"ފުރަތަމަ ބުރުގައި އަޅުގަނޑަށް ލިބުނީ 25 ޕަސެންޓް އެވެ. ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދުގައި ކުއްލި ގޮތަަކަށް ރާއްޖޭގެ އެތައް ރައްޔިތުންނެއް އަޅުގަނޑާއި ރުހި އަޅުގަނޑަށް އަޣުލަބިއްޔަތު ވޯޓް ދިނީ ކަމަށް ދެކޭން ވެއްޖެނަމަ އެއީ ދޮގެއްގެ މައްޗަށް ދެކެވޭ ދެކުމެކެވެ،"

ނަޝީދު ވިދާޅުވީ އޭގެ ފަހުން 2013 ގައިވެސް އަސާސީ އުސޫލު ދިޔައީ އެއް ހަމައެއްގައި ކަމަށެވެ. އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ އެމަނިކުފާނަށް ކަމަށާ ނަމަވެސް ރައީސް ކަމަށް ހުވާ ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަދި އަމުދުން މި ގޮތް ދިޔައީ ބޮޑުވެގެންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ލިބުނީ އަޅުގަނޑަށެވެ. ނަމަވެސް ޕާޓީގެ ފަރާތުން ވާދަކުރެއްވީ ޕާޓީގެ ކޮންގްރެސްގެ ނިންމުމާއި އެއްގޮތަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ،" ނަޝީދުގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އިތުރުން މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިހާބުގައިވެސް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ހޯދިފައި ނުވާ ކަމަށެވެ. އަޣުލަބިއްޔަތު ވޯޓް ހޯދުމަކީ އެއްވެސް މިނިވަން މުޖްތަަމައުއެއްގައި ފަސޭހަ ކަމެއް ނޫން ކަމަށާ އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ ތޮބިއްޔަތަށް ބައްލަވާށެވެ. ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޕީޕީއެމްއަށްވެސް ތާއީދު އޮންނަނީ ދާދި އެއް މިންވަރަކަށެވެ. 35 ޕަސެންޓް އާއި 45 ޕަސެންޓް އާއި ދެމެދުގައެވެ. މި ދެ ޕާޓީމެ އިންތިހާބު ކާމިޔާބު ކުރުމަށް އެހެން ކުދި ޕާޓީތަކާއި ގުޅެން ޖެހެއެވެ. މި ގުޅުމަކީ ވަރަށް އަގުބޮޑު ގުޅުމެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރީގައި މި ދެންނެވި ފަސް ޕަސެންޓް ވޯޓް ހޯދުމަށްޓަކައި އެމްޑީޕީ ވަނީ އެ މީހުންގެ ސަރުކާރުގެ ކެބިނެޓްގެ 60 ޕަސެންޓް ދޫކޮށްލާފައެވެ. ފަސް ޕަސެންޓް ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދިއުމަށް 45 ޕަސެންޓް ރައްޔިތުންގެ އުންމީދުތައް ފެން ކޮށްލާފައެވެ،"

ނަޝީދު ވިދާޅުވީ އެފަދަ ބޭއިންސާފުގައި ވެރިކަމުގެ ކަންކަން ގެންދަނީ ނަމަ އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

މީގެ އިތުރުން އިއްތިހާދަކީ ރާއްޖޭގެ ގާނޫނު އަސާސީ ދަންނަ ކަމަށް ނުވާތީ އިންތިހާދު މެދުވެރިކޮށް ކާމިޔާބު ކުރާ ރިޔާސީ އިންތިހާބަށް ފަހުގައި އެކުލެވޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކަނޑައެޅުމުގެ ޝަރުތުތަކެއް ފާނޫނު އަސާސީއަށް އިތުރު ކުރުން ބޭނުންތެރި ކަމަށްވެސް ވިދާޅުވިއެވެ.