ދުނިޔެ

ކާރެއް ހޯދަން ރާޖަޕަކްސްގެ ގެޔަށް ފުލުހުން ވަދެފި

ސްރީ ލަންކާގެ ހަމްބަންޓޯޓާގައި ހުންނަ އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަށް ނިސްބަތްވާ ގެއަކަށް ފުލުހުން ވަދެ ފާސްކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަޖީތު ރޮހާނާ ވިދާޅުވީ ފުލުހުން ރާޖަޕަކްސަގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައިވާ ކަމަށާއި އެކަމަކު އެ ގެެއިން ފުލުހުން ހޯދަން ބޭނުންވި އެއްޗެއް ނުފެނުނު ކަމަށެވެ.

ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ނަމާލް ވިދާޅުވީ "ގެ ފާސްކުރީ ލަމްބޮގީނީ ކާރެއް ހޯދަން" ކަމަށެވެ. ނަމަވެސް ގެއިން އެ ނުފެނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން އަހަރެމެންނަށް ފުރައްސާރަ ކުރަމުން އެ ދަނީ ހަމަ އެކަނި އަހަރެމެންގެ ގެ ފާސްކޮށްގެންނެއް ނޫން. މިހާރު ރައްޓެއްސެެއްގެ ގެޔަށް ވެސް ދެވޭކަށް ނެތް. ދާ ގެއެއް ވިއްޔާ ފާސްކުރަނީ،" ނަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭތެރޭގައި ސީޕްލޭނަކާއި ރޭސިން ކާރުގެ ފުރޮޅުތަކެއް ފޮރުވާފައި ހުރި ކަމަށް ވެސް ފުލުހުން ތުހުމަތުކުރި ކަމަށެވެ. އަދި ވިދާޅުވީ މިއީ އެއްވެސް ތާކުންތާކު ޖެހޭ ތުހުމަތެއް ނޫން ކަމަށެވެ.

"މި ގެއިން އެ މީހުންނަށް ފެނުނުހާ ވެސް އެއްޗަކީ ޕްރީ-ސްކޫލް އުމުރު ކުދިން ދުއްވާ ކަހަލަ ޕެޑަލް ބޯޓެއް،" ނަމާލް ވިދާޅުވި އެވެ.

ފުލުހުން ގެ ފާސްކޮށްފައި މި ވަނީ ރާޖަޕަކްސްގެ ކޮއްކޮ އަދި އޭރުގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަ މީހުން މެރުމަށް ގްރޫޕެއް ގެންގުޅުނު ކަމަށާއި އެ ގްރޫޕް ބޭނުންކޮށްގެން ލަންކާގެ މަޝްހޫރު ނޫސް އެޑިޓަރެއް މަރާލި ކަމަށް ބުނާ މައްސަލަ ވެސް ތަހުގީގުކުރަން ފަށާފައި ވަނިކޮށެވެ. މީގެ އިތުރުން ވެސް ރާޖަޕަކްސަ އާއި އޭނާގެ އާއިލާގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑެތި ތުހުމަތުތައް އާ ސަރުކާރުން ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ.