ދުނިޔެ

އައިއެމްއެފް އެގްޒެކެޓިވް ބޯޑުން ރަޝިއާ ބޭރުކޮށްފި

އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އެގްޒެކެޓިވް ބޯޑުގައި ރަޝިއާއަށް އޮތް ޝަރަފު އަތުލައިފި އެވެ.

އައިއެމްއެފްގެ ތަރުޖަމާނަކު ފައިނޭޝަލް ޓައިމްސްއަށް ބުނި ގޮތުން ރަޝިއާއާ މެދު ފިޔަވަޅު އަޅަން ޖެހުނީ ގައުމުތަކުގެ ޕްރެޝަރާ ހެދި ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ ރަޝިއާ ތަމްސީލު ކުރަން އެލްސީ މޮޒިންއަށް ދެއްވާފައި އޮތް ފުރުސަތު އުނިކުރަން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ކެނެޑާއިން ތަކުރާރުކޮށް ޕްރެޝަރު ކުރާ ކަމަށެވެ.

އައިއެމްއެފް އިން ބުނީ އެގްޒެކެޓިވް ބޯޑުން ރަޝިއާ ވަކިކުރީ ވަގުތީ ގޮތުން ކަމަށާއި، ރަޝިއާ-ޔުކްރޭން މަޝްރަހަށް ހެޔޮ ބަދަލު އަންނަން ފެށުމުން މެމްބަރުކަމާ މެދު އަލުން ވިސްނާނެ ކަމަށެވެ.

އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅު ތަކުގެ ޒާތުން ވެސް އިންޓަނޭޝަނަލް މަނީޓަރީ ފަންޑުގައި ރަޝިއާއަށް ދައުރެއް އަދާލުރުމަކީ ބުއްދިއަށް ގަބޫލު ނުކުރެވޭ ކަމެއް ކަމަށް ވެސް އައިއެމްއެފް އިން ބުންޏެވެ.

އިންޓަނޭޝަނަލް މަނީޓަރީ ފަންޑުގައި ރަޝިއާއަށް އޮންނަ ޝަރަވްފެރި މަގާމަކީ ފަންޑު ހިންގުމަށް ނުފޫޒު ފޯރުވޭ ވަރުގެ މަގާމެއް ނޫނެވެ.

އެހެން ނަމަވެސް ދުނިޔޭގެ ހާލަތަށް ބަލާއިރު އައިއެމްއެފްއާ ގުޅުން ހުރި ބޯޑެއްގައި ނުވަތަ ތަމްސީލްކުރެވޭ ބައްދަލުވުމެއްގައި ރަޝިއާ ބައިވެރިވުމަކީ މެންބަރު އެހެން ގައުމުތަކަށް ވެސް ކަމުދާ ކަމެއް ނޫން ކަމަށް އައިއެމްއެފް އިން ބުނެ އެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން މުޅި ދުނިޔެ ކަހަލަ ގޮތަކަށް އޮތީ ރަޝިއާއާ ދެކޮޅަށެވެ.

ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރަން އަޅާފައި ވަނީ މީގެ ކުރިން ގައުމަކާ ދެކޮޅަށް ބަޔަކު ނާޅާ ވަރުގެ ފިޔަވަޅުތަކެކެވެ.

އެހެން ނަމަވެސް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވަނީ މަގުސަދު ހާސިލު ނުވަނީސް ޔުކްރޭނުން ނުފައިބާނެ ކަމަށެވެ. އަދި ރަޝިއާއަށް ބިރަކަށްވާ އެއްވެސް ހަތިޔާރެއް ޔުކްރޭންގައި ހުރެގެން ނުވާނެ ކަމަށެވެ.