ލިބޭ މުސާރައިން ގެއަށް ކުލި ދައްކައިގެން ދެކޮޅު ނުޖެހިގެން އުޅޭ އެތައް މިލިއަން ބަޔަކު ދުނިޔޭގައި އުޅެ އެވެ. މި އެންމެންގެ ވެސް އޮތީ އެއް ޝަކުވާ އެކެވެ. މުސާރަ ކުޑަ ވާހަކަ އެވެ. ލިބޭ މަދު ފައިސާކޮޅުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ވެސް ނުފުދޭ ވާހަކަ އެވެ. މިކަމަށް ހައްލެއް ހޯދަން އެމެރިކާގެ ސައިމޮން ނަމަކަށް ކިޔާ މީހަކު މޮޅު ގޮތެއް ވަނީ ހޯދާފަ އެވެ.
ޓިކްޓޮކްގައި ސައިމޮން ޝެއާ ކުރި ވީޑިއޯއެއްގައި ފެންނަނީ އޭނާ ދިރިއުޅުނު އޮފީހުގައި އޭނާ މަސައްކަތްކުރަން އިންނަ ކިއުބިކަލް އަށް ބަދަލުވެ އެތަނުގައި އޭނާގެ އަންނައުނާއި އެނޫންވެސް ތަކެތި އަތުރާ ތަނެވެ.
"އަހަރެންގެ އަތުގައި ހުރި ހުރިހާ އެއްޗެއް ޕްލާސްޓިކް ކޮތަޅުތަކަކަށް އަޅައިގެން އައިސް މިހާރު މި އެ އެއްޗެތި ކޮތަޅުތަކުން ނަގަނީ. އަހަރެންގެ އެޕާޓްމަންޓް ދޫކޮށްލައި އޮފީހުގެ ކިއުބިކަލް އަށް ދިރިއުޅުން ބަދަލުކުރަނީ މި. ތަނެއް ކުއްޔަށް ހިފައިގެން އުޅޭ ވަރަކަށް އޮފީހުން އަހަންނަކަށް މުސާރައެއް ނުދޭ. އެހެންވެ އެކަމަށް އިހުތިޖާޖުކުރުމުގެ ގޮތުންނާވެސް އެކު އަހަރެން މިގޮތަށް އަމަލުކުރަން ނިންމީ. އަހަރެން ދެން އުޅޭނީ ވަޒީފާ އަދާކުރާ ތަނުގައި. ނޭނގެ ކިހާ ދުވަހަކު ކަމެއް އަހަންނަށް މިގޮތަށް އުޅެވޭނީ،" ސައިމޮން ޝެއާ ކުރި ވީޑިއޯ ކްލިޕެއްގައި އޭނާ ބުނެ އެވެ.
ސައިމޮން ބުނި ގޮތުގައި އޭނާއާ އެކު އެ އޮފީހުގައި މަސައްކަތްކުރާ ގިނަ މީހުން އަދިވެސް މަސައްކަތް ކުރަނީ ގޭގައި ތިބެގެންނެވެ. އެއީ އެހިސާބުގައި ކޮވިޑް-19ގެ ހާލަތު ގޯސް ކަމުންނެވެ. އޭނާއަށް އެހާ ފަސޭހައިން އޮފީހުގައި ގެ އަޅައިގެން އުޅުމުގެ ފުރުސަތު ލިބުނީ އެހެންވެ ކަމަށް ޚުދް ސައިމޮން ވެސް އެއްބަސްވި އެވެ.
އޮފީހުގެ ކިއުބިކަލްގައި އޭނާގެ ހެދުންތަކާއި ކާ އެއްޗެހި އަތުރާފައިވާ ގޮތް ވެސް ވީޑިއޯ މެދުވެރިކޮށް ސައިމޮން ވަނީ އޭނާގެ ޓިކްޓޮކް އެކުވެރިންނަށް ދައްކާލާފަ އެވެ.
މި ވީޑީއޯ ބަލާފައި މީހަކު ކުރި ކޮމެންޓެއްގައި ސައިމޮން އެހެން އުޅެނިކޮށް ސެކިއުރިޓީ ކެމެރާތަކަށް އަރާފާނެ ކަމަށް ބުނުމުން ސައިމޮން ބުނީ ގިނަ އޮފީސްތަކުގައި ސެކިއުރިޓީ ކެމެރާ ނުހުންނަ ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އެ އޮފީސް ބިލްޑިންގްގައި ފިރިހެނުން ފެންވަރާ ދެ ފާޚާނާ ހުރެ އެވެ. އެ ފާޚާނާތަކުގައި ހިލޭ ބޭނުން ކުރެވޭ ގިނަ އަދަދައްގެ ތުވާލި ވެސް ހުންނަ ކަމަށް އޭނާ ބުންޏެވެ.
މި ވީޑީއޯ ޝެއާ ކުރިތާ ދުވަސްކޮޅެއް ފަހުން ސައިމޮން ބުނެފައިވާ ގޮތުގައި އޭނާއަށް އޮފީހުގެ ކިއުބިކަލްގައި އުޅެވުނީ އެންމެ ހަތަރު ދުވަހު އެވެ. ހިއުމަން ރިސޯސްގައި މަސައްކަތްކުރާ މުވައްޒަފަކު އައިސް އޭނާ އެތަނުން ބޭރުކޮށްފި އެވެ. އަދި ޓިކްޓޮކް އަށް ލާފައިވާ ވީޑިއޯތައް ފޮހެލުމަށާއި އިތުރަށް އެކަން ނުކުރުމަށް ވެސް އެންގިކަމަށް ސައިމޮން ބުންޏެވެ.
އޮފީހުގައި ދިރިއުޅުން މަނާކުރުމުގެ އިތުރުން އޭނާގެ ވަޒީފާއަށް ވާނެ ގޮތެއް ވެސް މިހާރު ސައިމޮން އަކަށް ނޭނގެ އެވެ.