ލައިފްސްޓައިލް

މެލޭޝިޔާ އަންހެނަކު އޭނާގެ ފިރިމީހާއަށް ލަމްބޯގިނީއެއް ހަދިޔާކޮށްފި

މާބަނޑު މެލޭޝިޔާ އަންހެނަކު އޭނާގެ ފިރިމީހާ އަށް ލަމްބޯގިނީ ބްރޭންޑްގެ އަގުބޮޑު ކާރެއް ހަދިޔާކޮށްފި އެވެ.

މި ކާރުގެ އަގު ދެ މިލިއަން މެލޭޝިއަން ރިންގިޓަށް އަރަ އެވެ. އޭނާ ފިރިމީހާ އަށް މިހާ އަގު ބޮޑު ހަދިޔާއެއް ދިނީ ދަރިފުޅު ވިހެއުމަށްފަހު އޭނާއަށް ވެސް ނުނިދާ އެތައް ރެއެއް ހޭދަކުރަން ޖެހޭނެ ކަމަށް ވިސްނާފަ އެވެ.

އަނެސް އަޔޫނީ އުސްމާން، 19، އޭނާގެ ފިރިމީހާ ވިލްދާން ޒުލްކިފްލީ އަށް މި ބޮޑު ސަޕްރައިޒް ދިނީ ދަރިފުޅު ލިބުމަށްފަހު އޭނާއެކޭ އެއްފަދައިން ފިރިމީހާ ވެސް ދަރިފުޅަށް ވަގުތުދީ ދަރިފުޅުގެ ކަންތައްތައް ކޮށްދޭނެކަން ޔަގީންކޮށްފައި ކަމަށް މެލޭޝިޔާ މެއިލްގައި ބުނެފައިވެ އެވެ.

ޓިކްޓޮކްގައި އަޔޫނީ ޝެއާކުރި ވީޑިއޯގައި ކާރު ވިއްކާ ތަނަކަށް އޭނާ ދާ މަންޒަރު ފެނެ އެވެ. އޭނާ މިތަނަށް ދަނީ ފިރިމީހާގެ ކަނުބަނދެގެން އޭނާ ގޮވައިގެންނެވެ. އޭނާގެ ފިރިމީހާ އަށް އަޔޫނީ ދޭން އުޅެނީ ކޮން ކަހަލަ ސަޕްރައިޒެއް ކަމަށް ނޭނގެ އެވެ.

މޫނުގައި ބަނދެފައިވާ ފޮތިގަނޑު މޮހާލުމުން އަޔޫނީގެ ފިރިމީހާއަށް ނޫކުލައިގެ މި ކާރު ފެނި އުފަލުން ގޮސް ރޮވޭ މަންޒަރު ވެސް މި ވީޑީއޯގައި ފެނެ އެވެ. އަދި ވަރަށް ޖަޒުބާތުގައި ޖެހިފައި ހުރި ފިރިހެން މީހާ އޭނާގެ އަންހެނުންގެ ގައިގައި ބައްދާލާ ޝުކުރު އަދާކުރާ މަންޒަރު ވެސް ފެނެ އެވެ.

"އަހަރެންގެ ފިރިމީހާ ހުރިހާ ވަގުތަކު އަހަރެން ކައިރީގައި ހުންނާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން. ނަމަވެސް ރެޔާއި ދުވާލު ދަރިފުޅަށް އަޅާލަން އަހަރެން ބޭނުން. އަހަރެން ހަދަން ޖެހެނީ ސިޒޭރިއަން. ވީމާ ސީ-ސެކްޝަން ހަދައިގެން އޮންނައިރު ވަރަށް ވޭނުގައި އުޅެންޖެހޭނީ. އެފަދަ ދަނޑިވަޅެއްގައި ދަރިފުޅަށް އޭނާގެ ބައްޕަގެ އެހީތެރިކަމާއި ލޯބި އެންމެ ފުރިހަމައަށް ދޭން އަހަރެން ބޭނުމީ،" އަޔޫނީ ބުންޏެވެ.

މެލޭޝިޔާގެ ކެލަންޓަންގައި ދިރިއުޅޭ މި ދެމަފިރިން މިހާރު ތިބީ އަޔޫނީގެ އާއިލާގެ ގޭގަ އެވެ. ކެލަންޓަންގެ ސަގާފަތުގައި އޮންނަ ގޮތުން އަންހެން ކުއްޖާ ބަލިވެ އިނދެ ވިހަން 100 ވަރަކަށް ދުވަހަށް ކައިރިވުމުން ދެމަފިރިން އެކުގައި އަންހެން ކުއްޖާގެ މައިންބަފައިންގެ ގެޔަށް ދިރިއުޅުން ބަދަލުކުރަން ޖެހެ އެވެ. ވިހައިގެން ގަދަވަންދެން އެމީހުން އުޅެން ޖެހެނީ އެގޭގަ އެވެ.

އަޔޫނީ އާއި ޒުލްކިފުލި ކައިވެނި ކުރީ 2021ގެ ފެބްރުއަރީގަ އެވެ.

އަޔޫނީ ބުނި ގޮތުގައި ދަރިފުޅުގެ ޑައިޕާ ބަދަލުކުރުމާއި އެނޫންވެސް އޭނާގެ ހުރިހާ ކަމެއް ފިރިމީހާ ކުރަން އޭނާ ބޭނުންވެ އެވެ.

"އަހަރެމެން ގެންގުޅޭ ބުޅަލުގެ ހުރިހާ ހަޑިއެއް ވެސް ފިރިމީހާ ސާފުކުރަނީ. އަދި އޭނާ އަކީ ވިޔަފާރިވެރިއަކަށް ވާތީ ރޭގަނޑު އޭނާގެ 'ވިޔަފާރި ސިކުނޑި' ރަނގަޅަށް މަސައްކަތް ކުރަނީ. އެހެންވީމަ ރޭގަނޑު ހޭލާ ހުންނަން ވެސް އޭނާއަކަށް މާ އުނދަގޫ ކަމަކަށް ނުވާނެ،" އަޔޫނީ ބުންޏެވެ.