ކުރީ ޒަމާނުގައި ޕްލާސްޓިކް ސާޖަރީ ހެދުމަކީ އަގުބޮޑު އަދި އެހާމެ ކުރަން އުނދަގޫ ކަމެކެވެ. އޭރު ޕްލާސްޓިކް ސާޖަރީ ހަދަނީ ދެން އެހެން ގޮތެއް ނެތް ހާލަތެއްގަ އެވެ. މިސާލަކަށް އެކްސިޑެންޓެއްގައި މޫނު ނުވަތަ މޫނުގެ ބައެއް މުޅިން ޗިސްޗިސްވުން ފަދަ ހާލަތްތަކުގަ އެވެ. ނަމަވެސް މިހާރު ޕްލާސްޓިކް ސާޖަރީ ހަދައިގެން މޫނާއި ހަށިގަނޑަށް ބަދަލުތައް ގެނައުމަކީ ވަރަށް އާދައިގެ ކަމަކަށް ވަނީ ވެފަ އެވެ.
ގިނަ މީހުން ޕްލާސްޓިކް ސާޖަރީ ހަދަނީ އެމީހުން ގުދުރަތީ ގޮތުން އުފެދިފައި ހުރި ގޮތް ކަމުނުގޮސްގެން އެއަށް ވުރެ ރީތި ސިފައެއް ޖެހެން ވެގެންނެވެ. ނަމަވެސް ބޮޑެތި ކުށްތަކަށް އަރައިގަތުމަށްފަހު ފުލުހުންނަށް ފިލައިގެން އުޅޭ ބައެއް މީހުން ވެސް ސިފަ ބަދަލުކުރުމަށް ޕްލާސްޓިކް ސާޖަރީ ހެދުން މިހާރު ވަނީ ވަރަށް މަޝްހޫރު ކަމަކަށް ވެފަ އެވެ.
މެލޭޝިއާގެ ނޫހަކުން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ކެލަންޓަންގައި ދިރިއުޅޭ 8 އަންހެނަކު ވަނީ މިގޮތަށް ފުލުހުންނަށް ފިލަން ވެގެން ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ބަދަލުކޮށްފަ އެވެ.
ފުލުހުން މި 8 މީހުން ހޯދާތާ 17 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި 8 އަންހެނުންނަކީ އެއް ގްރޫޕަކަށް ނިސްބަތްވާ ބައެކެވެ. ވައްކަމާއި ފޭރުން އަދި މީހުން މެރުން ފަދަ ޖަރީމާތައް ހިންގާފައި ތިބި ބައެކެވެ.
ކެލަންޓަން ޕޮލިސް ޗީފް ޑާޓުކް ޝާފިއަން މަމަތު ވިދާޅުވީ މި އަންހެނުންތައް ފިލައިގެން އުޅޭތާ 17 އަހަރު ވެއްޖެ ކަމަށާއި އަދިވެސް އެމީހުން ނުހޯދޭ ކަމަށެވެ. ނަމަވެސް ކެލަންޓަންގެ ކޮންމެވެސް ހިސާބެއްގައި މި މީހުން އުޅޭ ކަމަށް ފުލުހުން ލަފާ ކުރެ އެވެ.
ޕޮލިސް ޗީފް ވިދާޅުވި ގޮތުގައި މި އަންހެނުންތައް ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ބަދަލުކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއް ތަނެއްގައި ގިނަ ދުވަހު ނޫޅެ އެކި ތަންތަނަށް ބަދަލުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ ތެރެއިން ބައެއް އަންހެނުން ތައިލެންޑަށް ގޮސް އެ ގައުމުގައި އެހެން މީހެއްގެ ނަމުގައި ދިރިއުޅެމުންދާ ކަމަށާއި އެމީހުން ފަހަރެއްގައި ޕްލާސްޓިކް ސާޖަރީ ނުހަދައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޕޮލިސް ޗީފް ވިދާޅުވި އެވެ.
އެމީހުން ހައްޔަރު ނުކުރެވިގެން އުޅެނީ އެ މީހުން ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ބަދަލުކުރި ގޮތުގެ އެކަށީގެންވާ ހެކި ނުލިބިގެން ކަމަށް ވެއެވެ.