ފްލޯޓިން ސިޓީ

ފްލޯޓިން ސިޓީ ބައިނަލްއަގުވާމީ އެވޯޑަކަށް ޝޯޓްލިސްޓް ވެއްޖެ

ޓޫރިޒަމާއި ހައުސިންގެ ބޭނުމަށް ރާއްޖޭގައި ތަރައްގީ ކުރާ "ފްލޯޓިން ސިޓީ" ބައިނަލްއަގުވާމީ އެވޯޑަކަށް ޝޯޓްލިސްޓް ވެއްޖެ އެވެ.

ފްލޯޓިން ސިޓީ ނޮމިނޭޓްވީ ބައިނަލްއަގުވާމީ ފަހުރުވެރި އެވޯޑެއް ކަމުގައިވާ އެމްއައިޕީއައިއެމް އެވޯޑަށެވެ.

މި އެވޯޑް މަޝްހޫރުވެފައިވަނީ "އޮސްކާސް ފޯ ގްލޯބަލް ޑިވެލޮޕްމެންޓް"ގެ ގޮތުގަ އެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ދެވޭ އެންމެ ފަހުރިވެރި އެވޯޑް ވެސް މެެއެެވެ.

ފްލޯޓިން ސިޓީ މި އެވޯޑަށް ޝޯޓްލިސްޓް ވެފައިވަނީ 'ބެސްޓް ފިއުޗެރާ މެގާ ޕްރޮޖެކްޓް' ކެޓެގަރީން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑިވްލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ.

އެމްއައިޕީއައިއެމް ޕްރޮޖެކްޓަށް ޝޯޓްލިސްޓް ވެފައިވާ ތިން ޕްރޮޖެކްޓްގެ ތެރޭގައި ބާސެލޯނާގައި ހުންނަ ކުރީގެ މާސިޑީޒް ފެކްޓަރީއެއް އިކޯ ޑިސްޓްރިކްޓަކަށް ބަދަލުކުރާ ޕްރޮޖެކްޓަކާއި، ސިއިމެންސް އިން ބެންގަލޫރުގައި ހަދާ ހެލްތިނިޔާސް ކެމްޕަސްއަކާއި، ޗައިނާގައި ހަދާ އަލިބާބާ ކުންފުނީގެ އެކަޑެމީ ހިމެނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިއުލާނުކުރި ޑަޗް ޑޮކްލޭންޑް މަޝްރޫއުގެ ދަށުން 5000 ޕްލޯޓިން ގެ އަޅަން މިހާރު ވަނީ ބައިސަން ކުންފުންޏާ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގައި އާއްމު ގެތަކުގެ އިތުރުން ޓޫރިޒަމަށް ވިޔަފާރި އުސޫލުން ދޫކުރާ ތަންތަން ވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހު ވަނީ ފްލޯޓިން ސިޓީން ކުލި ނެގޭނެ އުސޫލު ވެސް ކަނޑައަޅާފަ އެވެ.

މި އުސޫލުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގައި އިމާރާތް ކުރުމުގެ ބޭނުމަށް މޫދުގެ ލޮނުގަނޑުގެ މަތީގައި އުފުލޭ ގޮތަށް ތައްޔާރުކުރާ ރަށްތަކުގެ (ފްލޯޓިން އައިލެންޑްސް) ނުވަތަ ޕްލެޓްފޯމްތަކުގެ ސަރަހައްދު ވެސް ހިމެނޭނީ، ފަޅުގެ ލޭންޑް އޭރިއާގެ ގޮތުގަ އެވެ. އެގޮތުން، ލޭންޑް އޭރިއާ ހިސާބުކުރާނީ، އެފަދަ ރަށްތަކާއި ޕްލެޓްފޯމްތައް ކަނޑުގެ ލޮނުގަނޑުގައި ބީހޭ ހިސާބުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެފައިވެ އެވެ.