އެސްޓީއޯ

ނިޕޯން ޕެއިންޓް ޕްރޮމޯޝަނުން ސައިކަލެއް ހޯދަން ފުރުސަތެއް

ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން އިން "ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައި ފިއެވެ. މި ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ސައިކަލެކެވެ.

އެސްޓީއޯ ޕެއިންޓް ޝޯ ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދު އެވެ.

މި ޕްރޮމޯޝަން ކުރި އަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އެސްޓީއޯ ނިޕޯން ޝޯރޫމް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ. ކުލަ އާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ އިރު، ޕެއިންޓް އައިޓަމް ގަންނަ ފަރާތް ތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މިގޮތުން 1،000 ރުފިޔާގެ ކޮންމެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަން އެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބިގެންދާއިރު، މި ޕްރޮމޯޝަންގައި އަދި ވެސް އިތުރު އަގު ހުރި އިނާމް ތަކެއް ލިބޭނެ އެވެ.

އެސްޓީއޯ އިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓްއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯރޫން ހުންނާނީ އާމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއަރާހައުސް އިމާރާތުގަ އެވެ.