ސާފް ސުޒުކީ ކަޕް

މިއަދުގެ މެޗްގެ ޓިކެޓް ކޮންސިއުލޭޓުން ބަހަން ފަށައިފި

Dec 26, 2015
1

ސާފް ސުޒްކީ ކަޕްގައި ރާއްޖެ މިއަދު ބަނގްލަދޭޝް އާ ބައްދަލުކުރާ މެޗްގެ ޓިކެޓް ޓްރެވިންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ދިވެހިންނަށް ބަހަން ފަށައިފި އެވެ.

ކޮންސިއުލޭޓުން ބުނީ މިއަދު ހެނދުނު 9:30 އިން ފެށިގެން ކޮންސިއުލޭޓަށް އަންނަ ދިވެހިންނަށް މެޗަށް ވަނުމުގެ ޓިކެޓް ދޫކުރަމުން ފަށާފައިވާ ކަމަށެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗް ފަށާނީ މިއަދު ހަވީރު ރާއްޖެ ގަނޑިން 3:00ގަ އެވެ.

އެ މެޗްގެ ޓިކެޓް ހޯދުމަށް ގިނަ ބަޔަކު ކޮންސިއުލޭޓަށް އަންނަނީ ޖަމާވަމުންނެވެ. ޓިކެޓް ދޫކުރަން އެ ކޮންސިއުލޭޓުން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ. އަދި ޓިކެޓް ހޯދުމަށް ދަތިވާ ނަމަ މައުލޫމާތު ސާފު ކުރުމަށް ކޮންސިއުލޭޓްގެ ނަމްބަރު، 919847702554+ އަށް ގުޅުމަށް ވެސް ކޮންސިއުލޭޓުން ވަނީ އެދިފަ އެވެ.

ހިލޭ ލިބޭނެ ކަމަށް އެފްއޭއެމް އިން ބުނި ޓިކެޓް ނުލިބިގެން މީގެ ކުރީ މެޗްގެ ކުރިން ދިވެހި ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އުޅެނެވެ. އެހެން ނަމަވެސް ކޮންސިއުލޭޓުން ބުނީ އެކަން ތަކުރާރު ނުވާނެ ގޮތަށް މިފަހަރު އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވީހާ ވެސް ގިނަ ދިވެހިން ޓީމަށް ސަޕޯޓް ކުރުމަށް ޓިކެޓް ހޯދައިގެން ދަނޑަށް ވަނުމަށް ކޮންސިއުލޭޓުން މިހާރު ވަނީ ދިވެހިންނަށް އިލްތިމާސް ވެސް ކޮށްފަ އެވެ. ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ޓީމަށް ސަޕޯޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދާތީ ދިވެހިންނަށް ކޮންސިއުލޭޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮންސިއުލޭޓުން އުންމީދު ކުރަނީ މިއަދުވެސް ގިނަ ދިވެހި ސަޕޯޓަރުން މެޗް ބަލަން ވަންނާނެ ކަމަށެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗްގައި ބޫޓާން އަތުން ރާއްޖެ މޮޅުވީ 3-1 އިންނެވެ. ރާއްޖެ ސެމީއަށް ދިޔުމަށް މިއަދުގެ މެޗުން މޮޅުވުން ރާއްޖެއަށް ކޮންމެ ހެން ވެސް މުހިންމެވެ.