ކްރިމިނަލް ކޯޓް

ސްޓޭޓް މިނިސްޓަރު ސޯލިހަށް މިމަހު 29ގައި ހުކުމްކުރަނީ

Mar 17, 2022

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހްގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން މިމަހުގެ 29 ވަނަ ދުވަހު ހުކުމްކުރުމަށް ނިންމައިފި އެވެ.

ދައުލަތުން ސޯލިހްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.

ސޯލިހްގެ މައްޗަށް މި ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރާ ކަމަށް ބުނާ ބައެއް ރަށްތަކުގެ ތަހުގީގެއް ނުކުރާ ކަމަށް ބުނެ ސޯލިހް ސޮއިކުރައްވާ ބައެއް ފަރާތްތަކަށް ފޮނުއްވި ސިޓީތަކަކާ ގުޅިގެންނެވެ.

މިމައްސަލައިގައި ދެ ފަރާތުން ވެސް މިއަދު ހުލާސާ ބަޔާން އިއްވާފައިވާތީ ދެން އޮންނާނީ ހުކުމް ކުރުމެވެ.

ސޯލިހްގެ ދިފާއީ ވަކީލުން ދިފާއުގައި ވިދާޅުވީ ދައުލަތުން ބުނާ ސިޓީ ތަކުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އަދި ސިޓީ ތަކުގައި ބުނާ ރަށްތަކުގެ ތަހުގީގެއް ކޮމިޝަނުން ކުރިއަށް ނުގެންދާ ކަމަށްވެސް ވިސާޅުވި އެވެ.

ކޮމިޝަނުން ބައެއް ރަށްތަކާ ގުޅިގެން ބައެއް ކަންކަން ނުކުރަން އަންގާފައި ވަނިކޮށް އެންގުމާ ހިލާފަށް ސޯލިހް ބައެއް ކަންކަން ކުރައްވާފައިވާ ކަމަށްވެސް ދައުލަތުން ބުނެ އެވެ. ދިފާއުން ވިދާޅުވީ އެކަންކަން މިހާރު ވެސް މިނިސްޓްރީން ތެރެއިން ކުރަމުންދާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވީ ދެން މިމައްސަލައިގައި އޮންނާނީ ހުކުމް ކުުރުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަޖިލިސް މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގައި ބާއްވަން ވަނީ ނިންމަވާފަ އެވެ.