ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް އެހީވުމުގެ ގޮތުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.
ދިރާގުން ބުނީ ދިވެހި ހުނަރުވެރި އެތްރީޓުންގެ ހުނަރު ދިރުވުމުގެ ގޮތުން އެ ކުންފުނިން މޯލްޑިވްސް ބޯޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީނިއާ މެނޭޖަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަނެވެ. އެމްބީބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފެވެ.
އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެމްބީބީއޭއާއެކު ދިރާގުން އެއްބަސްވުމެއްގައި ސޮއިކުރިއިރު މިމަހުގެ 20- 30 ގެ ނިޔަލަށް ގައުމީ ބޯޑީބޯޑިން މުބާރާތް ރާޅުގަނޑު ސަރަހައްދުގައި ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ. މި މުބާރާތުގައި ރާއްޖޭގެ ތާރީހުގައި ބާއްވާ ބޮޑީބޯޑިންގެ އަންހެން ފުރަތަމަ އިވެންޓުވެސް ވަނީ އިންތިޒާމުކޮށްފަ އެވެ.
ދިރާގުގެ ސީނިޔަ ބްރޭންޑް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ މަގުސަދަކީ ބޯޑީބޯޑިން ކުޅިވަރެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ.
އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވީ އެ ޖަމިއްޔާގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ދިރާގާ އެކު އެއްބަސްވުމަކަށް އާދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން އެ އެސޯސިއޭޝަނުން މިއަހަރު ރާވާ ހިންގާ ހަރަކާތްތަކަށްވެސް އިތުރު ފުރިހަމަކަމެއް ލިބި ބޮޑީބިލްޑިން އެހެން ހަރުފަތަކަށް ގެންދިއުމަށް އިތުރު ބާރަކަށް ވާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުން ދަނީ ކުޅިވަރުގެ ގިނަ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން މިފަދަ ކަންކަމުގައި އެ ކުންފުނިން ބައިވެރިވަނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.